ކުޅިވަރުގެ ތެރެއިން ރިވެތި އަޚުލާޤު އަށަގެންނެވުމަށް ކުޅިވަރުގެ ޤާނޫނަށް ބަދަލު ގެންނާނެ: ވަޒީރު ރާފިޢު

އައިޝަތު ރުވާ ރިފްޢަތު | 406 ދުވަސް ކުރިން - 7 ސެޕްޓެންބަރު 2024 15:12
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ޚުލާސާ

މި ބަދަލުތަކަކީ ދިވެހި ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އެކުދިންގެ ކިބައިގައި ރިވެތި އަޚުލާޤު އަށަގެންނެވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވި.

ކުޅިވަރުގެ ތެރެއިން ރިވެތި އަޚުލާޤު އަށަގެންނެވުމަށްޓަކައި ކުޅިވަރުގެ ޤާނޫނަށް ބަދަލު ގެންނާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. 

ވަޒީރު މި ވާހަކަފުޅު ދެއްކެވީ ނ. ހޮޅުދޫގައި ބޭއްވުނު "ހޮޅުފަހި އެވޯޑު" ހަފްލާގައި ވާހަކަދައްކަމުންނެވެ. 

"އޭގެ ތެރޭގައި ސާފުތާހިރުކަމާއި ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމާއި އެކެއް އަނެކަކަށް އިހުތިރާމް ކުރުމާއި ތިމާއަށްވުރެ ބޮޑެތި މީހުންނަށް އިހުތިރާމްކޮށް ކޯޗުންގެ އިރުޝާދު އަޑުއަހައި އަދި ހަމައެއާއެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްކޮށްދިނުމާއި ކުޅިވަރުގައި މޮޅުވުމާއި ބަލިވުމާއި މިކަންކަމަކީވެސް ގަބޫލުކުރަންޖެހޭ ކަމާއި ނަފްސާނީ ދުޅަހެޔޮކަން ކުޅިވަރުގެ ތެރެއިން ގެނައުމާއި މި ހުރިހާކަމެއް ކުޅިވަރުގެ ތެރެއިން ކުއްޖާގެ ގައިގައި ޖެއްސުން. މިއީ ކުޅިވަރުގެ ތެރެއިން އަޅުގަނޑުމެންގެ ސޮސައިޓީއަށް އަޅުގަނޑުމެންނަށް ކޮންޓްރިބިއުޓް ކުރެވޭނެ ކަންތައްތައް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ރާފިޢު ވިދާޅުވި ގޮތުގައި، ކުޅިވަރުގެ ތެރެއިން ކުދިންގެ އަޚުލާޤު ރަނގަޅުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ލާމަރުކަޒީކޮށް ކުޅިވަރު ކުރިއެރުވުމަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން ގަސްދުކުރަނީ ސްކޫލްތަކުގައި ކުޅިވަރު ސިސްޓަމެއް ޤާއިމްކުރުމަށް. އަދި ކުޅިވަރަކީ މުހިންމު މާއްދާއެއްގެ ގޮތުގައި ހެދުމަށް," ވަޒީރު ރާފިޢު ވިދާޅުވިއެވެ.

މި ބަދަލުތަކަކީ ދިވެހި ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އެކުދިންގެ ކިބައިގައި ރިވެތި އަޚުލާޤު އަށަގެންނެވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ކަންކަން ތަންފީޒުކުރުމަށް ސަރުކާރުން ކުރިއަށް އޮތް ތަނުގައި ޚާއްޞަ އިސްކަމެއް ދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%