ޕްރިމިއާ ލީގުގެ ޕްރޮފިޓެބިލިޓީ އެންޑް ސަސްޓެއިނަބިލިޓީ ރޫލްސް (ޕީއެސްއާރު) އާއި ހިލާފުވި ކަމަށް ބުނެ ލެސްޓާސިޓީ ޖޫރިމަނާކޮށް މިއަހަރުގެ ސީޒަނުން އެޓީމުގެ ޕޮއިންޓުތައް އުނިކުރަން އުޅުނު މައްސަލައިގެ އިސްތިއުނާފު ލެސްޓާއިން ކާމިޔާބު ކޮށްފިއެވެ.

މި ނިންމުން ނިންމީ މިނިވަން އިސްތިއުނާފު ބޯޑަކުންނެވެ. އެ ބޯޑުން ވަނީ އެ ކްލަބަށް އަދަބު ދިނުމުގެ ބާރު ޕްރިމިއާ ލީގަށް ލިބިފައި ނުވާ ކަމަށް ބުނެ ލެސްޓާގެ ކޮޅަށް މައްސަލަ ނިންމާފައެވެ. މިނިވަން އިސިްތިއުނާފް ބޯޑުން ބުނީ ލެސްޓާގެ އެކައުންޓިން މުއްދަތު ޖޫން 30، 2023 ގައި ނިމިފައިވާ ކަމަށާއި، އީއެފްއެލް އަށް ރެލިގޭޓް ވުމުން، ޕްރިމިއާ ލީގަށް އެ މައްސަލައިގައި ލެސްޓާ އާއި ދެކޮޅަށް ދައުވާ ކުރުމުގެ އިހުތިސާސެއް ނެތް ކަމަށެވެ.
ޕްރިމިއާ ލީގުން ތުހުމަތުކޮށްފައި ވަނީ ތިން ސީޒަނުގައި އެ ކްލަބަށް 129.4 މިލިއަން ޕައުންޑްގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެއީ 105 މިލިއަން ޕައުންޑުގެ ޕީއެސްއާރު ލިމިޓަށްވުރެ 24.4 މިލިއަން ޕައުންޑް އިތުރު ވުމެކެވެ. ނަމަވެސް ލެސްޓާއިން ބުނީ އެކައުންޓިން ޕީރިއަޑް ނިމުނުއިރު ، އެޓީމު މާކުރިން ރެލިގޭޓްވެފައި އޮތުމުން ޕްރިމިއާ ލީގުގެ އެ ގަވާއިދު އެ ޓީމަށް ނުހިނގާނެ ކަމަށެވެ. އިސްތިއުނާފު ބޯޑުން ވެސް ނިންމީ އެގޮތަށެވެ.









