އިސްރާއީލުން މިއަދު ޣައްޒާގެ އެކި ހިސާބުތަކުގައި ހިންގި ޤަތުލުޢާންމުގައި ޣައްޒާގެ އެކި ހިސާބުތަކުން 13 މީހުން ޝަހީދު ކޮށް އެތައް ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި މެދުތެރޭގެ ނޫސެއިރަތުގެ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ވެސް އިސްރާއީލުން ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ..މިހަމަލާގައި އާންމުންގެ ހަތަރު މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެއެވެ.
ޝަހީދުފައިވާ އާންމުންގެ ތެރޭގައި ދެ ޒުވާން އަންހެނުންނާއި ދެ ކުޑަ އަންހެންކުދިން ކޭމްޕްގައި ހުންނަ އަލްއައުދާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލުގެ ޖާގަ ނެތުމުންނާއި ހޮސްޕިޓަލްގެ ބޭރު ވެސް ފުރިފައިވާތީ އިތުރު ތިން އަންހެން ކުދިންނާއި ޒުވާނަކު ދިއިރް އަލް- ޝުހާދާ އަލް އަގްސާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ރެޑްކްރެސެންޓާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޒައިތޫން އަވަށުގައި ހުންނަ ޔާސީން އާއިލާއަށް ނިސްބަތްވާ ގެއަކަށް ވެސް އަމާޒުކޮށް ދެ ކުޑަކުދިންނާއި އަންހެނަކު ހިމެނޭހެން ހަތަރު އާންމުން ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެފައިވެ އެވެ.
މީގެ އިތުރުން އިސްރާއީލުގެ ފަޔަރ ޖެޓްތަކުން އުތުރުގައި އޮންނަ އަޝްޝެއިޚް ސަރަހައްދުގެ ގެއަކަށް ހަމަލާދީ ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްލާފައި ވާކަމަށް ވެސް ހަބަރުތައް ބުނެއެވެ.ޚާން ޔޫނިސްއަށްވެސް ހަމަލާދީ އެތަނުންވެސް ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމްވިއިރު، އިސްރާއީލުން ކުރިޔަށްގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާ ހުއްޓުވުމަށް އދ ވަނީ ނުކުޅެދިފައެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަނާކުރަނިވި ޖަރީމާ ހިންގަމުން އަންނައިރު ފަލަސްތީނުގެ 40،878 މީހުން ޝަހީދުވެ، 94،454 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.
މީގެ އިތުރުން، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާ ކަމަށް ބެލެވޭ މަދުވެގެން 10،000 މީހުން ތިބޭނެ ކަމަށް ފަލަސްތީނުން ބުނެއެވެ.
ފަލަސްތީނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޝަހީދުވެ ޒަޚަމްވި މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުން ވަނީ ޣައްޒާއިން ގާތްގަނޑަކަށް ދެ މިލިއަން މީހުން ގަދަކަމުން ގެދޮރުން ނެރެލާފައެވެ. އޭގެތެރެއިން ބޮޑު ބައެއް ވަނީ މިސްރާ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ތޮއްޖެހިފައިވާ ސިޓީ ރަފާއަށް ބަދަލުވެފައެވެ.









