މިއަދަކީ މިފަހުގެ ތާރީޚުގައި މާލެ ސަރަޙައްދުގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކުރި ދުވަސް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހުރިހާ ކުދިންނަކީވެސް ޒުވާން ޚަތީބު ޕްރޮގްރާމުން ތަމްރީނު ހޯދައި ސަނަދު ޙާސިލްކުރި ކުދިން ކަމަށެވެ.
މިއަދު އިމާމުވެ ހުކުރު ކުރި ޚަތީބުންނަކީ:
- އަލްފާޟިލް އިބްރާހީމް ޛާކިރު ޒަލީޤު، މަސްޖިދު މުޙައްމަދުގައި
- އަލްފާޟިލް ޙަނީޛް ޙަނީފް، މަސްޖިދު ޢުސްމާން ބިން މިސްކިތުގައި
- އަލްފާޟިލް މުޙައްމަދު ޙަނޫނު ޙުސެއިން، މަސްޖިދު އަމީލް ޖަލީލުގައި
- އަލްފާޟިލް ޔޫސުފް އަޙްމަދު މުނައްވަރު، މަސްޖިދުލް ސަލާމުގައި
- އަލްފާޟިލް މުޙައްމަދު ޔަޝާއު މުޞްޠަފާ، މަސްޖިދުލް އަޞްދިޤާގައި
- އަލްފާޟިލް އުވައިސް ބިން އިނާޒު، މަސްޖިދު ޙަސަން އާދަމްގައި
- އަލްފާޟިލް އަޙްމަދު އަލްސަމް އަޔާޒު، މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީންގައި
- އަލްފާޟިލް ފާހިދު ޢަބްދުލްމުޙްސިން، މަސްޖިދު ޖަލާލުއްދީންގައި
- އަލްފާޟިލް ޙަސަން މާޛް ޢަލީ، މަސްޖިދު އިސްކަންދަރުގައި
- އަލްފާޟިލް މޫސާ މާއިސް މާޖިދު، މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲގައި
- އަލްފާޟިލް މުޙައްމަދު މިޝްޢަލް އާޡިމް، މަސްޖިދުލްފުރުޤާންގައި
- އަލްފާޟިލް އަބާން އިބްރާހިމް، މަސްޖިދުއް ނޫރުގައި
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫޢަކީ ޝިރުކުރުކުރުމުން ދުރުހެލިވުމެވެ.
ޚުތުބާގައި ބުނީ މާތް ﷲ ހައްދަވައިފައިވާ މަޚުލޫޤުންކުރެ، އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ބޭނުންވާ އެންމެހައި ކަމެއް ފުރިހަމަ ކޮށްދެއްވި الله سبحانه وتعالىއަށް ޝަރީކު ކުރުން ނުވަތަ އެކަލާނގެއާ، އެކަލާނގެ މަޚުލޫޤުންނާ ހަމަހަމަކުރުން ކަމަށެވެ.









