ރޭ ހިނގި އެކްސިޑެންޓެއްގައި ޕްރިޒަން އޮފިސަރަކު ނިޔާވެއްޖެ

ހުސައިން އިސްމާއިލް | 450 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2024 11:01
ރޭގެ ނުރައްކާތެރި އެކްސިޑެންޓް ހިނގި ސަރަހައްދު
ރޭގެ ނުރައްކާތެރި އެކްސިޑެންޓް ހިނގި ސަރަހައްދު
ޚުލާސާ

ނިޔާވީ އުމުރުން 23 އަހަރުގެ ހަސަން ސަމާހު. ސައިކަލުގައި އޭނާ ދިޔައީ މެރަތަންގައި ބައިވެރިވުމަށް. ބާރުސްޕީޑްގައި ދިޔަ ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސެއް ނެތް

ރޭ ފަތިހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ކަމަށްވާ ލ.އިސްދޫ ބީޗްހައުސް އުމުރުން 23 އަހަރުގެ ހަސަން ސަމާހު ނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ހެނދުނު 4:00 ހާއިރު ސެންޓްރަލް ޕާކް ކައިރީގައި، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި، ހުޅުމާލެ މެރެތަންގައި ބައިވެރިވުމަށް ސަމާހު ސައިކަލުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ, ސަމާހު ވަޒީފާ އަދާކުރަނީ މާފުށީ ޖަލުގެ އީ.އެސް.ޖީ ޔުނިޓުގައެވެ. 

ދައުލަތުގެ މީޑިއާއިން ފުލުހުންނާއި ޙަވާލާދީ ބުނެފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ލިބުނީ ރޭ 02:48 ހާއިރު ކަމަށެވެ.

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ހަސަން ސަމާހު ، ލ.އިސްދޫ ބީޗްހައުސް ، 23އަހަރު

ފުލުހުން ބުނި ގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއްގައި ޖެހި ސަމާހުގެ ބޮލާއި މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ވަނީ ނިޔާވެފައެވެ.

ސަމާހުގެ ކަށުނަމާދު އޮތީ މަސްޖިދު ޒައިދު ބިން ޘާބިތް، / ހުޅުމާލޭ ސަހަރާ މިސްކިތުގައި މިއަދުގެ މަޣްރިބު ނަމާދަށް ފަހުއެވެ.

ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސެއް ވެސް ނެތް ކަމަށާއި، އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ މާލޭގައި ހިނގި އެހެން ނުރައްކާތެރި އެކްސިޑެންޓަކާ ވަރަށް ކައިރި ވަގުތެއްގައެވެ. އިއްޔެ ރޭގެ އެކްސިޑެންޓުގައި ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްވެ، މިހާރު ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

މި ދެ ހާދިސާ ވެސް ތަހުގީގުކޮށް ކުރިއަށް އޮތްތަނުގައި ދިމާވާ އެކްސިޑެންޓްތައް ހުއްޓުވުމަށް ފުލުހުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ކ.މާފުށީ ޖަލުގެ އީ.އެސް.ޖީ ގުރޫޕްގައި މަސައްކަތްކުރާ ސަމާހު އެސާވިސްގައި މަސައްކަތްކުރާތާ މިހާރު 3 އަހަރު ވެއްޖެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%