ލޮލުރޯގާއިން ސަމާލުވެ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ލޮލުރޯގާއަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް އުޅޭ ބައްޔެއް ކަމަށާއި ކޮންމެ މަހަކުވެސް ލޮލުރޯގާ ޖެހިގެން ކޮންމެވެސް މިންވަރަކަށް ރިޕޯޓުކުރާ ކަމަށެވެ.

ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ މި ބަލިން ރައްކާތެރިވެ، ބަލީގެ ޢަލާމާތްތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ލޮލުރޯގާއިން ރައްކާތެރިވުމަށް އެޗްޕީއޭއިން އެޅުމަށް އިލްތިމާސްކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން.
  • އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން.
  • ލޮލުގައި އަތް ލުމާއި ލޯ އުނގުޅުމުން ދުރުހެލިވުން.
  • ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން.
  • ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރި ބޭސްފުޅި ބޭނުންކުރުން.

އެޗްޕީއޭއިން ވަނީ ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ބަލި ޖެހިއްޖެކަން ޝައްކުވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ނުވަތަ ޞިއްޙީ ޚިދުމަތްތެރިއަަކަށް ދައްކައިގެން ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

ލޮލުރޯގާ ޖެހިއްޖެކަން ޔަޤީންކުރާނެ ބައެއް ޢަލާމާތްތަކުގެ ތެރޭގައި:

  • ހުން އައުން.
  • ލޯ ހިރުވުން.
  • ލޮލުން ފެން އައުން.
  • ލޮލުގައި މަޑު ހެދުން.
  • ލޯ ރަތްވުން.

އެންމެ ފަހުން ލޮލުރޯގާގެ ކޭސްތައް އިތުރުވެގެން ސަމާލުވުމަށް އިލްތިމާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.