ޔޫރޯ ސްޓޯރުގެ ގުދަނެއްގައި މިއަދު އަލިފާނުގެ ޙާދިސާއެއް ހިނގައި، ގެއްލުންތަކެއް ލިބިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި ހުރި ޔޫރޯ ސްޓޯރުގެ ގުދަނެއްގައި ކަމަށެވެ.
އަލިފާން ރޯވެފައިވަނީ އެ ގުދަނުގައި ހުރި ކަރަންޓުބޯޑެއްގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ގޮސް މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް އަލިފާން ނިއްވާލިއިރު ގުދަނަށް ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެގޮތުން ގުދަނުގައި ހުރި ގިނަ ޢަދަދެއްގެ މުދާ ހުރި ފޮށިގަނޑުތަކަށް ގެއްލުން ލިބި، ގުދަނުގެ ސީލިންގއާއި ފާރުތައް ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.









