ދިވެހިންނަށް ކަމުދާ ޓީވީ ޕްރޮގްރާމްތައް ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.
"ބްރޯޑްކާސްޓް އޯޑިއެންސް ސަރވޭ"ގެ ނަމުގައި ކުރާ މި ދިރާސާ ނިމުމުން ޢާންމު ގޮތެއްގައި ދިވެހިން އެންމެ ގިނައިން ބަލައި ޕްރޮގްރާމްތަކާއި ދިވެހިންނަށް އެންމެ ކަމުދާ ޕްރޮގްރާމްތައް ދެނެގަނެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ މި ދިރާސާގެ ސަބަބުން ޗެނަލް ރޭޓިންގ ލިސްޓު އެކުލަވާލުމަށް އެ ކޮމިޝަނުން ކުރާ މަސައްކަތްތަކަށް ފަސޭހަވާނެ ކަމަށާއި، މި ދިރާސާގައި ރީބްރޯޑްކާސްޓިންގ ނެޓްވޯކްތަކުގައި ޗެނަލް ބޭނުންކުރާ ނިސްބަތާއި އެހެނިހެން ޗެނަލް ބޭނުންކުރާ ނިސްބަތްވެސް ބެލޭނެ ކަމަށެވެ.
މި ދިރާސާ ވެގެންދާނީ ރާއްޖޭގައި މިހާރު ހަދާ ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތަކަށް ކަމަށްވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުންޏެވެ. އަދި ސިޔާސީ އިޖުތިމާޢީ ޕްރޮގްރާމްތައް ރަނގަޅުކުރުމަށްޓަކައި ރައްޔިތުން ދެކޭ ގޮތްވެސް މި ދިރާސާއިން އެނގޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި ދިރާސާ ކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޙަވާލުކޮށްފައިވަނީ ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސަރޗް އެންޑް އިނޮވޭޝަން އާއެވެ. ދިރާސާގެ މަސައްކަތް މިދިޔަ ޙަފްތާގެ ތެރޭގައި އެ ކޮލެޖުން ފަށާފައިވާއިރު މި ދިރާސާ ނިންމުމަށް ކޮމިޝަނުން ވަނީ 10 ޙަފްތާގެ މުއްދަތެއް އެ ކޮލެޖަށް ދީފައެވެ.









