މަސްތުވާ ތަކެއްޗޭ ބުނުމުން ކޮންމެ މީހެއްގެ ވިސްނުމަށް ވެސް ފުރަތަމަ ވެސް އަންނާނީ މަސްތުވުމަށް ބޭނުންކުރާ ހިކި އެއްޗެހީގެ ވާހަކައެވެ. އެ ބާވަތުގެ ހިކި އެއްޗެއްސަކީ ކޮބައިކަން ކޮންމެ މީހަކަށް ނޭނގުނަސް އެއީ ޑްރަގްކަމަށް ކޮންމެ މީހަކަށް ވެސް ބުނަން އެނގެއެވެ. އަދި އެބޭނުންކުރާ ކޮންމެ މީހަކަށް އެތަކެތީގެ ނަންތައް ބުނަން ނޭނގިދާނެއެވެ. އެފަދަ މީހުން އެތަކެއްޗަށް "ޝުގަރ" ވެސް ކިޔައެވެ. ހަމަ އެހެންމެ ބޭނުންކުރާ މީހުން ވެސް ކިޔަން ފަސޭހައަކަށް އެހެން ކިޔައެވެ. މަސްތުވާތަކެއްޗަކީ ކޮބައިކަން 11/2017 ( މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގައި ބުނެފައިވެއެވެ. މަސްތުވާތަކެތި
"މަސްތުވާތަކެތި" ކަމަށް ބުނެފައިއެވަނީ، މަނާކޮށްފައިވާ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ.
މަސްތުވާތަކެތި ބޭނުންކުރުން" ކަމަށް ބުނެފައިއެވަނީ، މަސްތުވާއެއްޗެއްގެ އެއްވެސް މިންވަރެއް، މީހެއްގެ ހަށިގަނޑުގެ ތެރެއަށް ވާޞިލުކުރުމަށް ނުވަތަ ވާޞިލުކުރުވުމަށެވެ.
މަސްތުވާއެއްޗެއް އަތުގައި ހުރުން:
މަސްތުވާއެއްޗެއް އަތުގައި ހުރުން" ކަމަށް ބުނެފައިއެވަނީ، މީހެއްގެ އަތުގައި ނުވަތަ ހަށިގަނޑުގައި މަސްތުވާއެއްޗެއް މާއްދީގޮތުން ހުންނަ ހުރުމާއި، މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުންނަ ހުރުން ހިމެނޭގޮތުންނެވެ.
މަސްތުވާތަކެތިން މުޢާމަލާތުކުރުން:
މަސްތުވާތަކެތިން މުޢާމަލާތުކުރުން" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެތި ވިއްކުމާއި، ދިނުމާއި، ވިޔަފާރިކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުންވެސް ހިމެނޭގޮތުންނެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާ:
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާ" ކަމަށް ބުނެފައިއެވަނީ، މަސްތުވާއެއްޗެއް ބޭނުންކުރަމުންދިޔުމުގެ ސަބަބުން، އެއާނުލައި ނުއުޅެވޭ މިންވަރަށް އެއަށް މުހުތާދުވެފައިވާ މީހާއަށެވެ. ނުވަތަ ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އޭގެ އަސަރަށް ލެނބި، އެއަށް ބަރޯސާކުރަންޖެހިފައިވާ މީހާއަށެވެ.
މަސްތުވާތަކެއްޗާއި ގުޅޭ ގޮތުން ޤާނޫނު ގައި މަފްހޫމްކޮށްދީފައިވާ މިކަންކަމަށް ބަލާއިރު މަސްތުވާތަކެތީގެ ނުރައްކާތެރިކަން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވެއެވެ. މަސްތުވާ ކޮންމެ އެއްޗެއް ޙަރާމޭ ބުނެވޭ ބަހުގައި މަސްތުވާ ހިކިތަކެއްޗާއި ދިޔާތަކެތި ވެސް ހިމެނެއެވެ. އެހެން ނަމަވެސް ﷲ ގެ ވަޙި އާއި ރަސޫލުންގެ ރިސާލަތު އެމީހެއްގެ ސިކުޑިއާއި ހަމައަށް ރަނގަޅަށް ފޯރާފައި ނުވާ މީހަކު ނުވަތަ ބަޔަކު ހިކިތަކެތި ވެސް ދިޔާ ތަކެތި ވެސް ބޭނުންކޮށްފާނެއެވެ.
އެއީ ޙަރާމް ޙަލާލަށް ނުބަލާ ތިމާ ގެ އިޙްސާސްތަކާއި އެހެން މިހުންގެ އިޙްސާސްތައް ނުދަންނަ މީހުންނެވެ. "މަސްތުވާ ތަކެތި ބޭނުންކުރާ މީހަކު ބުނެފައިވެއެވެ. ފެންފޯކާއި ،ސިގިރޭޓާއި ، ފޯކާއި ދުންފަތްލައިގެން ދުފާ މީހުން ވެސް އެއާ ނުލައި ނޫޅެވޭނަމަ އެވަނީ މަސްތެވެ. ހަކުރުލައިގެން ސައި ނުބޮވޭ މީހުން ވެސް ވަނީ މަސްތެވެ." މިހެން ބުނާ މީހުންނަށް ދޭން އޮތް ޖަވާބަކީ މަސްތުވާ ތަކެތީގެ ގޮތުގައި މިބުނެވުނު ތަކެތި ހިމަނާފައި އަދި މާނަކޮށްފައި ނުވެއެވެ. އެހެން ނަމަ ވެސް އިންސާނުންގެ ޞިއްޙަތަށް ދުޅަހެޔޮކަމަށް ގެއްލުންވާ އެއްވެސް އެއްޗެއް ބޭނުންކުރުމަކީ އެދެވިގެން ވާކަމެއް ނޫންކަން ޤާނޫނަކުން މަނާ ނުކިރި ނަމަވެސް އެނގެންޖެހެއެވެ.
އިސްލާމް ދީނުގައި ޙަރާމް ޚަލާލު ބަޔާންކުރެވިފައިވެއެވެ. ހެވެއް ހުރި ކޮންމެކަމެއް ޙަލާލުވެގެންވެއެވެ. ގެއްލުން ހުރި ކޮންމެ ކަމެއް މަނާ ވެގެންވެއެވެ. މަސްތުވާ ހިކި ތަކެއްޗާއި ބެހޭގޮތުން ރާއްޖޭގެ ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު ބުނުއްވާފައިވެއެވެ.

ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު - އާދަމް ޒާހިރަކީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ގިނަގުނަ މަސައްކަތް ކޮށްފައިވާ ދިވެހި ޤައުމަށް އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ބޭފުޅެއް. ރާއްޖޭގެ ތާރީޚުގައި ފެނުނު އެންމެ ބޮޑު ކަނޑުއަޑީގައި ރައްކާކޮށްފައިވާ މަސްތުވާ ތަކެތީގެ ޝިޕްމެންތު އަތުލައިގަތީ އެމަނިކުފާނުގެ ދައުރުގައި. އެ ހުރިހާ ތަކެތި ވަނީ ނޫސްވެރިންގެ ކުރިމަތީގައި އަންދާލެވިފައި
މަސްތުވާތަކެތީ ގެ ތިޔަރީގައި ބުނާގޮތުން ބޭނުންކޮށްފި މީހަކު ދެވަނަ ފަހަރަށް ވެސް ބޭނުން ކުރާނެއެވެ. ހުއްޓާލައިގެން ހުރުމަކީ ނާދިރު ކަމެކެވެ. މަސްތުތަކެތި ބޭނުންކުރާ މީހަކު ބުނާތީ އެހީމެވެ. މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހަކު ހުއްޓާލާފައި ވަނިކޮށް ވެސް ލިބިއްޖެ ނަމަ ބޭނުންކުރާނެއެވެ. އެއްޗަކީ ގެއްލުން ބޮޑު އެއްޗެއްކަން ނޭނގެނީކީ ނޫނެވެ. މުޅި ދުނިޔޭގައި ވެސް މަނާ އެއްޗެއްކަން ނޭނގެނީކީ ނޫނެވެ. އެހެން ނަމަވެސް ކޮންމެކަމެއް ވަރިހަމަ ކޮށްލެވޭގޮތް ކޮންމެ ވެސް ސަބަބަކާ ހުރެ ވެވޭތީ ބޭނުންކުރަނީއެވެ. އަދި ވެސް ބުނެފައިވެއެވެ. ދިޔާ މަސްތުވާ އެއްޗެތިން ވެސް ގެއްލުން ވެއެވެ. އެހެން ނަމަވެސް ވޭނުވާގައި ހިނދުކޮޅެއްގައި ތިބެން ބޭނުންވާ މީހުން ބޭނުންކުރަނީ ނޫންހެއްޔެވެ. ދިޔާތަކެތި ބޭނުން ކުރުމުން ގެއްލުން ވާކަމުގެ ކުޑަ މިސާލެއް ނަގަމުން އޭނާ ބުންޏެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވެސް އަލްކަހޯލް ބޭނުން ނުކުރެއްވުމަށް ޑރ.ލަފާދެއްވާފައި ވެއެވެ. އެއީ ވެސް ގެއްލުން ވާތީކަން އެނގޭތީ ނޫން ހެއްޔެވެ.
މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާޢީ ކުށްތަކަށް އަރައިގަތުމަށް އެބޭނުންކުރާ ބައެއް މީހުން ޤަސްތުގައި ބޭނުންކުރާ އެއްޗެއްކަން ބޮޑެތި ޖިނާޢީ ކުށްތައް ކޮށްފައިވާ މީހުންގެ ތަޙްޤީޤުތަކުން އެނގެވެ. އަދި ވައްކަމާއި މާރާ މާރީ އާއި ފޭރުން ފަދަ ކުށްތަކަށް ވެސް ގިނައިން އަރައިގަނެފައި ހުންނަނީ މަސްތުވާތަކެތި ބޭނުންކުރާ ނުވަތަ ކޮށްގެންތިބޭ މީހުންކަން ހައްޔަރުކުރެވޭ މީހުންގެ ރެކޯޑަށް ބެލުމުން އެގޭނެއެވެ. މިވާހަކަ އަކީ ދެބަސްވެވެން ނެތް ހާ ހާމަކަން ބޮޑު ވާހަކައެކެވެ.
މައުޟޫއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ކައިވެނިކުރުމަކީ އަނިޔާވެރިވުމަށް ދެވޭ ދަޢްވަތެއްކަމަށް ބުނަންޖެހެނީ ބޭނުންކުރާ މީހުންގެ ފަރާތުން ފެންނަ ނަތީޖާއަށް ބަލާފައެވެ. މިވާހަކަ ދައްކަން މިޖެހެނީ އޭގެ ނުރައްކާތެރިކަން ބޮޑުކަން ބުނެދިނުމަށެވެ. މަސްތުވާތަކެތި ބޭނުން ނުކުރާ މީހަކު އެބޭނުން ކުރާ މީހަކާއި ކައިވެނި ކުރުމުން ، އޭގެ ބޭނުންކުރާ މީހާ ރަނގަޅުވާނެކަމަށް ހީކޮށް ބައެއް މިހުން ކައިވެނިކުރެއެވެ. މިގޮތަށް ވިސްނަން ހެޔޮ ނުވާނެއެވެ. މަސްތުވާތަކެތި ބޭނުންކުރާ ނުވަތަ އޭގެ އަވައިގައި ޖެހި އެއާއި ނުލައި ނޫޅެވޭ ވަރުވެފައިވާ މިހަކާ ކައިވެނި ކުރި އެކަކަށް ވެސް އެކުގައި އުޅެވިފައި ވޭތޯއެވެ. އުޅެވިފައި ނުވާނެކަން ޔަޤީނެވެ. މިއީ ޤަބޫލު ކުރިޔަސް ނުކުރި ޔަސް ކަން އޮތްގޮތެވެ. ކަން ހިނގަމުން އަންނަ ގޮތެވެ. ރާއްޖޭ ގެ މި އިސްލާމީ މުޖުތަމަޢު އިން ވެސް މިކަން ކަށަވަރު ކުރެވޭނެއެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހަކު ދިރިއުޅޭ ގެއަކީ ދިރުމެއް ނެތް ގެއެކެވެ. އެފަދަ ގެއަކުން ހިތާމަ ނުކުރާ ކަންބޮޑު ނުވާ މީހަކާއި ދިމަލެއް ނުވެއެވެ. އަނބި މީހާ އާއި ދަރިންނާއި މައިން ބަފައިން ގެ ލޮލުން އަޅާ ކަރުނަ އެނގޭނީ އެއިން ގެއަކަށް ގޮސް ވަދެ އިޙްސާންތެރިކަމުގެ އަތެއް ދިއްކޮށްލައިފި ނަމައެވެ.
ދަރިފުޅު މަސްތުވާތަކެތި ގަތުމަށް 100 ރުފިޔާ ހަމަކުރުމަށް ޢާއިލާގެ ކޮންމެ މީހަކު އަތުން ފައިސާ ހަމަކޮށްދޭން މަޖުބޫރު ވެފައިވާ މައިންބަފައިން ރާއްޖޭގައި އެބަތިއްބެއެވެ. ނުދީފިނަމަ ގޭގެއަށް ވަދެ ވައްކަން ކުރާނެތީ ދެނީއެވެ. ގޭގައި ހުންނަ ތަކެއްޗަށް ގެއްލުންދީ މައިންބަފައިންނާއި ޢާއިލާ ގެ އެންމެނަށް ގޭގައި ނޫޅެވޭވަރު ކުރާތީ ދިނުން ނޫން ގޮތެއްް ނެތީތީވެ ދެނީއެވެ. މަދު މީހަކު ނޫނީ ދަރިފުޅު ހައްޔަރުކުރާކަށް ބޭނުމެއް ނުވެއެވެ. ގައިގާ ފާރުގަނޑެއް އިނުމުން ކެތްކުރާ ފަދައިން ކެތްކޮށްގެން ތިބެވެނީއެވެ. ސިއްރުވެސް ކުރަނީއެވެ. އެހެން ނަމަވެސް ވިސްނަންވީ ވާއެއްޗެއް ވުމަށް ދޫކޮށްލައިގެން ނުތިބުމަށެވެ. ޢާއިލާ ރޫޅި ދަރިންނާއި އަނބިމީހާ ބިކަކޮށްފާނެ ފަދަ މީހަކާއި ކައިވެނި ނުކުރުމަށެވެ. ކޮންމެ މީހަކު ވެސް ތިމާގެ ދަރިންނަށް ރައްކާތެރިވާށެވެ. އެއީ އަމާނާތެކެވެ. މުޖުތަމަޢުގެ ކޮންމެ މީހަކަށް ގެއްލުމެއް ނިކަމެތިކަމެއް ލިބުނަސް އެއީ ޤައުމަށް ލިބޭ ގެއްލުމެކެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން ހިންގާފައިވާ ބޮޑެތި ޤަތުލުތަކަށާއި ބޮޑެތި ޖިނާޢީ ކުށްތަކުން ޢިބުރަތް ޙާޞިލުކުރާށެވެ.









