އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓުގެ އެސެމްބްލީން ރޭޕްގެ ކުށަށް މަރުގެ އަދަބު ދެވޭނެ ބިލެއް ފާސްކޮށްފިއެވެ.
މި ބިލު ފާސްކުރުމަށް މަގުފަހިވީ ފާއިތުވި މަހުގެ 9 ވަނަ ދުވަހު އެ ސަރަޙައްދުގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުންދިޔަ ޑޮކްޓަރެއް ރޭޕްކޮށް މަރާލާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި ބިލުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ރޭޕްކޮށް މަރައިލުމުގެ ކުށަށް މަރުގެ އަދަބު ދިނުމާއި، ޕެރޯލްގެ ފުރުޞަތު ނުދީ އުމުރަށް ޖަލަށްލުން އަދި ރޭޕްގެ މައްސަލަތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުން ހިމެނެއެވެ.
އެގައުމުގެ ގާނޫނުގައި މިހާރު އޮންނަނީ ރޭޕްގެ ކުށަށް މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެކެވެ. ސްޓޭޓުގެ އެސެމްބްލީން ފާސްކުރި މި ބިލަށް ޤާނޫނީ ބާރު ލިބޭނީ އިންޑިއާގެ ރައީސުލްޖުމްހޫރިއްޔާގެ ރުހުން ލިބުމުންނެވެ. ނަމަވެސް، އިންޑިއާގެ ޖިނާއީ ކުށްތަކަށް އަދަބު ކަނޑައެޅުން އޮންނަނީ މުޅި ޤައުމަށް އެއް ހަމައަކުން ކަމަށްވާތީ، މި ބިލަކީ ހަމައެކަނި ރަމްޒީ ޤާނޫނެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
.









