ސަޢުދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އަލް ސަޢުދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، އަލްއަމީރާ ލަތީފާގެ އަވަހާރަވުމާ ގުޅިގެން ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށާއި، ސަޢުދީ ރައްޔިތުންނަށް ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދިވަޑައިގެންފައިވެއެވެ. އަދި މަރްޙޫމާގެ ފުރާނަފުޅަށް ރަޙުމަތްލެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

މީގެއިތުރުން، މި ހެޔޮ ދުޢާގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަމަށްވެސް ރައީސް މުޢިއްޒުގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ. އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އަލް ސަޢުދު އަވަހާރަވެފައިވަނީ އަންގާރަ ދުވަހުއެވެ. އެކަނބަލެއްގެ އަވަހާރަވުމާ ގުޅިގެން ސަޢުދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާދިސާގައި ދިވެހި ސަރުކާރުން ބައިވެރިވެ، އެ ޤައުމުގެ ރަސްގެފާނަށް ތަޢުޒިޔާ ފޮނުވާފައިވާކަން ފާހަގަކުރެވެއެވެ.