އިސްލާމީ އަޚްލާޤާއެކު އިސްލާމީ ދިވެހި އާދަކާދަ ވެސް ދިރުވައި އާލާކުރަން ޖެހޭ ކަަމށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޤައުމީ ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިސްލާމީ އަޚްލާޤާއެކު އިސްލާމީ ދިވެހި އާދަކާދަ ދިރުވައި އާލާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ، ކުރީގެ ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ފަތިހު ނަމާދަށް ތެދުވެ، ދުވަސް ފަށައި، ދުވަހުގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށް، މަޣްރިބު، ޢިޝާ އަދި ވިތުރި ނަމާދުން ދުވަސް ނިންމުން ކަމަށް ވިދާޅުވިއެވެ.

އަދި ދިވެހި އައިޑެންޓިޓީ އަލުން އިޔާދަކުރުމަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ފަތިހު ހޭލާ ޤައުމަކަށްވުމާއި، ކުޑަކުދިން ޤުރުއާން ކިޔެވުމަށް ޝައުޤުވެރިވުމާއި، ފަރުޟު ނަމާދުގެ ޖަމާޢަތްތައް ގިނަވުމާއި، މިސްކިތްތަކަށް އިޙްތިރާމް ކުރުމާއި މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުން ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. "މިއީ ދިވެހީންގެ ދިރިއުޅުމުގެ ރީތި އާދަކާދަ. މި ކަންކަން އަޅުގަނޑުމެން އަލުން އާލާކުރަން ޖެހޭ" ރައީސް މުޢިއްޒު ވިދާޅުވިއެވެ.