ޤައުމުގެ ސަޤާފީ އައިޑެންޓިޓީ ރައްކާތެރިކޮށް ކުރިއެރުވުމުގައި އިސްކޮށް އުޅުމަށް ޤާނޫނުން ބާރު ލިބިގެންވާ، ދިވެހި ޤައުމީ ތަރިކަ ކޮލެޖެއް އުފެއްދުމަށް ރާވާފައިވާކަން ރައީސުލް ޖުމްހޫރިއްޔާ އިޢުލާން ކުރައްވައިފިއެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު އޮތް ޚާއްޞަ ރައްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ، ދިވެހި ޤައުމިއްޔަތު ދިވެހިންގެ ދިރިއުޅުމުގެ ތެރެއަށް ވައްދައި، ތަޢުލީމާއި ދިރާސާގެ ތެރެއިން ޤައުމުގެ ތަރިކަ ދެމިއޮތުން ކަށަވަރުކޮށްދިނުމުގައި ކޮލެޖުގެ ދައުރަށް އަލިއަޅުއްވާލެއްވިއެވެ.
"މިއަދު ދިވެހި ޤައުމިއްޔަތުގެ އިސްވަރު މި ވަނީ އުފެދިފާ. މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް. މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް. އެއީ މެންބަރ ޝިޕް ކޮލެޖެއް. މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާނެ ކޮލެޖެއް. މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚާ އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ލެންސުތަކުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިޔުން. ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.









