އައްޝައިޚް ޙުސައިން ޞަލާޙުއްދީނަށް ޙައްޤުވާ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މަތީ ޤައުމީ ޝަރަފު މިއަދު ހެނދުނު އަރުވައިފިއެވެ.
އަވަހާރަވެފައިވާ މަރްޙޫމް ޙުސައިން ޞަލާޙުއްދީނަށް ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވުމުގެ އެންމެ މަތީ ޤައުމީ ޝަރަފު އަރުވާފައިވަނީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ޝަރަފުވެރި އެވޯޑާއި ޙަވާލުވެވަޑައިގަތީ ޝައިޚް ހުސައިން ސަލާހުއްދީންގެ ކާފަދަރިފުޅު އަހުމަދު ޝިހާބުއެވެ. ދީނާއި، ބަހާއި، ތަރިކައާއި، ސަގާފަތުގެ ދާއިރާއިން ޚިދުމަތްކުރެއްވި ޝެއިޚް ހުސައިން ސަލާހުއްދީން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ސަރުކާރުން ބަލައިގެންފައިވާއިރު، ޝަރަފުވެރި އިލްމުވެރިއެއް އަދި ލީޑަރެއް ކަމަށްވާ ޝެއިޚް ހުސައިން ސަލާހުއްދީން ވަނީ އެކި ދާއިރާތަކުން 50 އަށް ވުރެ ގިނަ ލިޔުން ލިޔުއްވައި، ސުލްތާން މުހައްމަދު ޝަމްސުއްދީން ތިންވަނަގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި ޝައިޚް ހުސައިން ސަލާހުއްދީން އަވަހާރަވީ ސެޕްޓެމްބަރު 20، 1948 ގައި، ރާއްޖޭގައި އެވެ.
ދިވެހި ޤައުމަށް ޚިދުމަތުގެ އެންމެ މަތީ ޝަރަފަކީ، ދިވެހި ޤައުމަށް ޚާއްޞަ ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ. މި ޚާއްޞަ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ދެއްވީ ދިވެހިރާއްޖޭގެ ޝަރަފުވެރިކަމުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ލިބިދީފައިވާ ބާރުގެ ދަށުންނެވެ.









