ދައުލަތުގެ ވެރިންނާއި ބޮޑެތި މުވައްޒަފުންވެސް މަސައްކަތުގެ އަހުލާގަށް ފުރިހަމައަށް އިހުތިރާމުކޮށް، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ލިބިފައިވާ ހައްގުތަކާއި ލުއިތައް ބޭނުންކުރި ނަމަވެސް، މަސައްކަތު ވަގުތުގައި އަމާނާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
މި އަހަރުގެ ގައުމީ ދުވަސް އިހުތިފާލުކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ދިވެހިންގެ މެދުގައި އާލާކުރަންވީ އެންމެ މުހިންމު އަޒުމަކީ އަހުލާގީ ރަނގަޅު ސިފަތައް އަށަގެންނެވުމާއި، ތަހުޒީބީ ސިފަތަކާއި އަހުލާގީ އަގުކުރުންތައް ދައުލަތުގެ ހިންގުމުގެ ތެރޭގައި ދިރުވައި އާލާކުރުން ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އޮފީހަށް ގަޑިއަށް ހާޒިރުވުމާއި، މަސައްކަތުގައި ހޭދަކުރާ ވަގުތުގައި ފަރުވާތެރިކަމާއެކު ބުރަކޮށް މަސައްކަތްކުރުމަކީ ކޮންމެ މުވައްޒަފެއްގެ ކިބައިންވެސް ޤައުމު އެދޭ ރިވެތި ނަމެއް އަދި ބޮޑު ޝަރަފެއް ކަމަށެވެ. ހަވާލުކުރެވޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި ކޮންމެ ދުވަހަކުވެސް މަސައްކަތުގެ ވަގުތު އަމާނާތްތެރިކަމާއެކު ހޭދަކުރުމަކީ އެގޮތަށް އަމަލުކުރާ މުވައްޒަފެއްގެ ސަބަބުން ދައުލަތަށް ބޮޑެތި ފައިދާތަކާއި ކުރިއެރުން ލިބިގެންދާނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ފަހަރެއްގައިވެސް އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން ހޯދާފައިވާ ހައްގުތަކާއި ލުއިކަން ބޭނުންނުކުރާކަށް ނޫން. އެކަމަކު އަޅުގަނޑު މިއެދެނީ މަސައްކަތުގެ އަހުލާގުގައިވެސް އަމާނާތްތެރިވުމަށް. ފަރުވާތެރިވުމަށް، ތެދުވެރިވުމާއި ޒިންމާދާރުވުމަށް. މަސައްކަތުގެ އަހުލާގަށް އިހުތިރާމުކުރުމަށް،"
މުވައްޒަފުންގެ ކިބައިން ނަސޭހަތްތެރިވަމުން ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ކާބަފައިން ދެއްކެވި ޤައުމީ ލޯބީގެ މަތިވެރި މިސާލުތަކުން އިބުރަތް ލިބިގަނެ، އެއް ރޫހެއްގައި މަސައްކަތް ކުރުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.









