ޤައުމީ ދުވަސް ބުނެދެނީ މަދު މީހަކު ޤައުމާ ދެކޮޅަށް ގޯޅި އަޅައިގެން ދިޔަ ނަމަވެސް، ތަފާތު އެކި ފަންތީގެ ދިވެހި ކާބަފައިންނަކީ އަބަދުވެސް ޤައުމީ ވިސްނުން އިސްކުރި ބައެއްކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި އަހަރުގެ ޤައުމީ ދުވަސް އިހުތިފާލުކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ބޮޑުތަކުރުފާނުގެ ވަތަނީ ޖިހާދުގެ ތާރީޚަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، 9 ވަނަ ހަސަން ރަސްގެފާނު ތަހުތުގެ ދަހިވެތިކަމުގައި ބޭރުގެ ބަޔަކާ ގުޅި ޤައުމަށް ޚިޔާނާތްތެރިވި ނަމަވެސް، އެއިރުގެ ސިޔާސީ ވާދަވެރިން ވެސް އެއްގަލަކަށް އަރައި އިސްކުރެއްވީ ޤައުމީ ފަޅި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ފާހަގަކުރެއްވި ގޮތުގައި، ޕޯޗުގީޒުންގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރުމަށް ކުރެވުނު މަތިވެރި ޖިހާދުގައި ރާއްޖޭގެ ހުރިހާ ގިންތިއެއްގެ ރައްޔިތުން ވަނީ ތަފާތުކުރުމެއް ނެތް ބޮޑު ގުރުބާނީއެއް ވެފައެވެ. އެގޮތުން އެންމެ މަތީ ސިޔާސީ ލީޑަރު އަލިރަސްގެފާނާއި، ރަށްފުށުގެ ފުދުންތެރި ގަދަރުވެރިއެއް ކަމަށްވާ އުތީމު އަލިތަކުރުފާނު ޤައުމަށްޓަކައި ފުރާނައިން ގުރުބާންވިއިރު، ފޯރުންތެރި ވިޔަފާރިވެރިން ކަމަށްވާ ތިމަރަފުށީ ދެ ހާޖީންނާއި، ފަގީރު ނިކަމެތިން ކަމަށްވާ ވިލިނގިލީ ރައިވެރިޔާއާއި ދޮނަކުޅީ ރައިވެރިޔާގެ އިތުރުން އިލްމުވެރިއެއް ކަމަށްވާ ނޮޅިވަރަންފަރު އެދުރުކޭގެފާނުވެސް ނުކުތީ އެއް ސަފަކަށެވެ.

މުޅި ރާއްޖޭގައި އޮތީ ޤައުމީ ވިސްނުންކަން ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނު ކަޅުއޮއްފުންމި ބަންނަވަން މާވަޑިން ހޯއްދަވަން ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ތަފާތު 40 ރަށަކުން 40 މާވަޑިން އެކަމުގައި ބައިވެރިވި ކަމަށެވެ. އެހެންކަމުން، މިއަދުގެ ހުރިހާ ރައްޔިތުންގެ އަޒުމަކަށް ހަދަންވީ ކާބަފައިންގެ އެ އަގުހުރި ޖިހާދުން އިބުރަތް ލިބިގަނެ، ބޭރުގެ ނުފޫޒުތަކަށް ފުރުސަތު ނުދީ، އެއް ރޫހެއްގައި އަދި އެއް ބައެއްގެ ގޮތުގައި ޤައުމީ ވިސްނުމުގައި ފިޔަވަޅުތައް ކުރިއަށް އެޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.