ގައުމީ ދުވަސް ހަނދާންކޮށްދެނީ ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގައުމީ ދުވަހު ޕޯޗުގީޒުންގެ ވާގިވެރިކަން ހޯއްދެވި، ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބާއި އޭރުގެ ރާއްޖޭގެ ހާލަތު އެނބުރިގެން ދިޔަ ގޮތް ހަނދާނަން ގެންނަންޖެހޭކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޕޯޗުގީޒުންގެ ހިމާޔަތުގައި ހުރެ ނުވަވަނަ ހަސަން ރަސްގެފާނު ވަނީ ދިވެހީންގެ ދީނުގެ ހުރުމަތް ކަނޑައި، ދިވެހި ތަހްތުގެ ބޭނުމުގައި ބޭރު ބާރަކާއެކު ގައުމަށް ގެއްލުން ހުރި ގުޅުންތަކެއް އުފައްދާފައެވެ.
ނަމަވެސް، އެ ނާޒުކު ހާލަތުގައިވެސް ދިވެހިން އިސްކުރައްވާފައިވަނީ ދިވެހި ގައުމާއި ގައުމީ ވިސްނުންކަމަށާއި، ދިވެހީންގެ ރާއްޖެއާއި މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހިރައްޔިތުން ވެސް ނެންގެވީ ގައުމީ ފަޅި. ޤައުމަށް ހެޔޮ އެދުމުގެ ފަޅި. އެހެންވީމާ ގައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރި އެއް ސަބަބަކީ މި ކަންކަން ހަނދާންކޮށްދިނުން. ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރީ ދިވެހި ފަހްރުވެރި ކާބަފައިންނެކޭ އެއް ފަދައިން، ގައުމީ ލޯބިން ހިތްތައް ފުރާލަން ދަސްކޮށްދޭން. ގައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ހަނދާންކޮށްދޭން،"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ތަފާތު އެކި ފެންވަރުގައި ދިވެހީންނަކީ އަބަދުވެސް ގައުމީ ވިސްނުން އިސްކުރި ބައެއްކަން ކާބަފައިން ދައްކައިދީފައިވާ ކަމަށެވެ. އަދި ގައުމުގެ ހައްގުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ޤައުމީ ސިފައެއްކަމަށާއި، އެކަމުގައި ވަކި ފަންތިއެއް ނުވަތަ ގިންތިއެއްގެ ތަފާތެއް ނޯންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގައުމީ ދުވަހުގެ ބަޠަލު، އުތީމު މަހާރަދުންނަށް މުޅި ރާއްޖޭން ދިން އެއްބާރުލުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކަޅުއޮއްފުންމި ބަންނަވަން 40 ރަށުން 40 މާވަޑިން ބައިވެރިވުމަކީ މުޅި ޤައުމު އެ ޖިހާދުގައި ބައިވެރިވިކަމުގެ ހެއްކެއް ކަމަށެވެ. މީގެން އެނގިގެންދަނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ގައުމު އިސްކޮށްގެންކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހީންނަކީ ކަނޑުގެ ދަރީންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އުތީމު މަހާރަދުންގެ ސީރަތުން ކަނޑުމައްޗަށް އަހުލުވެރިވުމުގެ މުހިންމުކަން އެނގޭ ކަމަށެވެ. އެހެންކަމުން، ޒަމާނާ ގުޅޭ އިލްމާއި ހުނަރު ދިވެހި ދަރިވަރުންނަށް އުނގަންނައިދޭން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހީން އަބަދުވެސް ތިބޭނީ އިސްލާމްދީނާއި، ގައުމީ ސިޔާދަތާއި މިނިވަންކަމާ އެކުގައިކަން ކަށަވަރުކޮށްދެއްވަމުންނެވެ.









