ހއ. އުތީމުގައި ބިނާކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި"، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވާފިއެވެ. މިއީ އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޤައުމީ މާތް ޖިހާދު ރަމްޒުކޮށްދޭ ތާރީޚީ މުހިންމު ބިނާއެކެވެ. މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ހުޅުވުނު މި ބިނާއަކީ ދިވެހިންގެ މިނިވަންކަމާއި ގައުމީވަންތަކަން އަންގައިދޭ ރަމްޒެކެވެ.
މި ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުއެރުވިގެން ވަޑައިގެންނެވި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައެވެ. މި ބިނާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބިނާ ބައްލަވާލައްވާފައެވެ.
މި ބިނާ ފަރުމާކޮށްފައިވަނީ ދިވެހި ފަންނުވެރިކަމާއި އިސްލާމީ ޙަޟާރަތުގެ ފުރިހަމަކަން ދައްކުވައިދޭ ގޮތަށެވެ. ކަޅުއޮށްފުންމީގެ ހަ ފަހުލަވާނުން ރަމްޒުކޮށްދޭ ގޮތަށް ހަ ތަނބުގެ މައްޗަށް ބިނާކޮށްފައިވާ މި ދޮރާށީގެ ސަބަބުން ތާރީޚީ އުތީމުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމަކާއި ދިރުމެއް ލިބިގެންދެއެވެ.
ޣާޒީ ބަންޑާރައިންގެ ތާރީޚީ އަސަރުތަކާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިފަދަ ބިނާތައް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އަންނަން އޮތް ޖީލުތަކަށް ގައުމީ ބަތަލުންގެ ޒިކުރާ އާލާކޮށްދީ، ގައުމީ ލޯތްބާއި ސަގާފީ ފަތުރުވެރިކަން ދިވެހިރާއްޖޭގައި ކުރިއެރުވުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.









