ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 1،000 އެއްހާ ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި އުޅަނދުތަކެއް ގްރީސްގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ސަލާމަތްކޮށްފައިވާއިރު، މި ހާދިސާތަކުގައި ދެ މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުގެ ކޯސްޓްގާޑުން ހާމަކޮށްފިއެވެ.
ގްރީސްގެ ކަމާބެހޭ އިދާރާތަކާއި ޔޫރަޕިއަން ބޯޑަރ އެޖެންސީ (ފްރޮންޓެކްސް) ގުޅިގެން ހިންގި މި އޮޕަރޭޝަންތަކުގައި، ހުކުރު ދުވަހުގެ ފަތިހުން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް އެތައް ސަތޭކަ ބަޔަކު ވަނީ ސަލާމަތްކޮށް، ގްރީސްގެ ކްރީޓް އަދި ގަވްދޮސް ޖަޒީރާއަށް ގެންގޮސްފައެވެ.
މި އުޅަނދުތަކުން ދަތުރުކުރި މީހުން ނިސްބަތްވާ ގައުމުތައް އަދި ކަށަވަރުވެފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި އެ އެންމެންނަކީވެސް ލީބިޔާއިން ފުރައިގެން ދަތުރުކުރި މީހުންނެވެ.
ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދިން ގޮތުގައި، ހޮނިހިރު ދުވަހު ގަވްދޮސްގެ އައްސޭރިއަށް ލައްގާފައިވަނިކޮށް ފެނުނީ ދެ މީހެއްގެ ފުރާނަނެތް މަސްގަނޑެވެ. އެ މީހުން މަރުވާން މެދުވެރިވި ސަބަބު އަދި ސާފުނުވި ނަމަވެސް، ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ އެމީހުން ދަތުރުކުރި ބޯޓު އައްސޭރިއަށް ކައިރިކުރަނިކޮށް ހިލަތަކެއްގައި ޖެހި ހަލާކުވީ ކަމަށެވެ. އެ ސަރަހައްދުން އިތުރު 41 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އޭގެ ތެރެއިން ސިއްޙީ ފަރުވާއަށް ބޭނުންވި ހަތަރު މީހަކު މިހާރު ވަނީ ކްރީޓްގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.
ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތުން ފެށިގެން ހިންގި ހަ އޮޕަރޭޝަނެއްގައި 391 ހިޖުރަވެރިން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައިވާ ކަމަށް ކޯސްޓްގާޑުން ބުނެއެވެ. އަދި ހޮނިހިރު ދުވަހުގެ ރޭގަނޑުވެސް ކްރީޓްގެ ދެކުނުން 150 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ތިން ބޯޓެއް ވަނީ ފެނިފައެވެ. މީގެއިތުރުން ހޮނިހިރު ދުވަހު ހިންގި އެހެން އޮޕަރޭޝަނެއްގައި 102 ހިޖުރަވެރިން (16 އަންހެނުންނާއި 5 ކުޑަކުދިން ހިމެނޭހެން) ވަނީ ކްރީޓްގެ މައި ސިޓީ ކަމަށްވާ ހެރަކްލިއަންގެ ބަނދަރަށް ގެންގޮސްފައެވެ.
ލީބިޔާއިން ފުރައިގެން ގްރީސްގެ ދެކުނު އައްސޭރިއަށް ކަނޑުމަގުން ކުރާ ދިގު ދަތުރަކީ ދުނިޔޭގައި ހިޖުރަކުރުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް މަގެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2014 ވަނަ އަހަރުން ފެށިގެން މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ މަރުވެ ނުވަތަ ގެއްލިފައެވެ.
އެފްރިކާ އަދި އޭޝިއާގެ ގައުމުތަކުން ޔޫރަޕަށް ދިއުމަށް ގްރީސްއަކީ ޒަމާނުއްސުރެ މައިގަނޑު އެއް ދޮރާއްޓެވެ. ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމާއެކު ގްރީސްގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅިގެން ފަހަކަށް އައިސް ހިޖުރަކުރާ މީހުންގެ އަދަދު ދަށްވި ނަމަވެސް، އުތުރު އެފްރިކާއިން ގްރީސްގެ ގަވްދޮސް އަދި ކްރީޓަށް އެތެރެވާ މީހުންގެ އަދަދު މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ހިނގާ މަހުގެ ކުރީކޮޅުވެސް ލީބިޔާއިން ގްރީސްއަށް ދަތުރުކުރި ދެ ބޯޓަކުން 22 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.




