ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ "ވޯލްޑް އިނޮވޭޝަން ސަމިޓް ފޮރ ހެލްތް" (ވިޝް 8) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިރޭ ގަތަރަށް ފުރާވަޑައިގެންފި އެވެ.
މި ސަމިޓުގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވަނީ ގަތަރު ފައުންޑޭޝަންގެ ޗެއާޕާސަން، ޝައިޚާ މޯޒާ ބިންތު ނާސިރުގެ ރަސްމީ ދައުވަތަކަށެވެ.
މި ދަތުރުފުޅުގައި، "ގްލޯބަލް ހެލްތް ބިޔޯންޑް 2030: އިމަރޖިންގ ހެލްތް ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވަރސް" ގެ ނަމުގައި ބާއްވާ ބައްދަލުވުމުގައި އެކަމަނާ ވާހަކަފުޅު ދައްކަވާނެ އެވެ. މީގެ އިތުރުން، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ގަތަރު ފައުންޑޭޝަނުން އިސްނަގައިގެން ބާއްވާ "ވިޝް" ސަމިޓަކީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، އީޖާދީ މަސައްކަތްތެރިންނާއި، އިލްމީ ބޭފުޅުންގެ އިތުރުން ދުނިޔޭގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް އަމަލީ ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރާ ބައިނަލްއަގުވާމީ މަންސައެކެވެ.




