ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް 2026–2027 ވަނަ އަހަރުގެ އެއްބާރުލުމުގެ މަގުޗާޓު ފާސްކުރުމާއެކު، ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީ.އެސް.ސީ) ގެ 8 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން ދިވެހިރާއްޖޭގައި ބާއްވައިފި އެވެ.
25 ނޮވެމްބަރު 2026 ގައި ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑުގައި ބޭއްވި މި ބައްދަލުވުމުގައި މެންބަރު ގައުމުތައް ކަމަށްވާ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްގެ މަތީ ފެންވަރުގެ ވަފުދުތަކުން ބައިވެރިވިއިރު، މެހުމާނު ގައުމުތަކުގެ ގޮތުގައި އޮސްޓްރޭލިއާއާއި މެލޭޝިއާއިން ވަނީ ބައިވެރިވެފަ އެވެ.
މި ބައްދަލުވުމުގައި ގައުމުތަކުގެ ވަފުދުތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަތީފާއި، އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތު ދޯވަލްއާއި، ސްރީލަންކާގެ ޑިފެންސް މިނިސްޓްރީގެ ސެކްރެޓަރީ އެއަރ ވައިސް މާޝަލް ސަމްޕަތު ތުޔަކޮންތާގެ އިތުރުން ބަންގްލަދޭޝްގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ކޮމާންޑަންޓް ލެފްޓިނެންޓް ޖެނެރަލް އެމް.ޑީ ފައިޒުރު ރަހްމާން އެވެ.
ބައްދަލުވުމުގެ ތެރެއިން، ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް ވައިސް އެޑްމިރަލް އެސް.އެން. ގޯމާޑޭ ވަނީ 20 ނޮވެމްބަރު 2025 ގައި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި 7 ވަނަ ބައްދަލުވުމުގެ ނިންމުންތައް ތަންފީޒުކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކުގެ ރިވިއުއެއް ހުށަހަޅުއްވާފަ އެވެ.
މި ބައްދަލުވުމުގައި މެންބަރު ގައުމުތައް ކަމަށްވާ ދިވެހިރާއްޖެ، އިންޑިއާ، މޮރިޝަސް އަދި ސްރީލަންކާއިން ވަނީ އެއްބަސްވެވުނު ކަންކަމުގެ ޔައުމިއްޔާގައި ސޮއިކޮށް، 2026–2027 ވަނަ އަހަރުގެ އެއްބާރުލުމުގެ މަގުޗާޓު ފާސްކޮށްފަ އެވެ. މި މަގުޗާޓުގައި ކޮންކްލޭވްގެ އެއްބާރުލުން ދިނުމުގެ މައިގަނޑު ފަސް ދާއިރާއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކާއި ހާސިލުކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތައް ހިމަނާފައި ވެއެވެ.
އެއްބާރުލުން ދިނުމުގެ މައިގަނޑު ފަސް ދާއިރާއަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، އިންސާނީ ވަގުފާރިއާއި ބައިނަލްއަގްވާމީ ރޭވިގެން ހިންގާ ކުށްތައް ހުއްޓުވުމުގެ އިތުރުން ސައިބަރ ސެކިއުރިޓީއާއި މުހިންމު އުމްރާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ރައްކާތެރިކުރުމާއި، އިންސާނީ އެހީތެރިކަމާއި ކާރިސާތަކުން އަރައިގަތުމަށް އެހީތެރި ވުމެވެ.
މީގެ އިތުރުން، ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ތަޖުރިބާ ހިއްސާކުރުމާއި، ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދީގެން ސަރަހައްދީ ސުލްހައާއި ރައްކާތެރިކަން ދެމެހެއްޓުމަށް މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމު މި ބައްދަލުވުމުގައި ވަނީ އައުކޮށްފަ އެވެ.
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރިމަތިވާ ކަނޑުމަތީގެ އަދި ސަލާމަތީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ މުހިންމު މަންސަ އެކެވެ.





