މިދިޔަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިއަންކަން، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ކުރި ހުކުމަކާ ގުޅިގެން އަލުން ސެނެގޯލަށް ދީފިއެވެ. ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކާސް އިން މިގޮތަށް ނިންމީ އެ މުބާރާތުގެ ތަށި ސެނެގޯލްގެ އަތުން އަތުލުމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމި ނިންމުން ސެނެގޯލުން އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.
މޮރޮކޯގެ ރަބާތުގައި ޖެނުއަރީ 18 ގައި ކުޅުނު ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތަށި އުފުލައިލީ ސެނެގޯލުންނެވެ. ނަމަވެސް، ހަމަނުޖެހުންތަކެއް ހިނގައިދިޔަ މި ފައިނަލް މެޗަށް ދެ މަސް ފަހުން، މާޗު މަހުގެ ތެރޭގައި ކާފް އިން ވަނީ ސެނެގޯލްގެ އަތުން ތަށި އަތުލުމަށްފަހު، މޮރޮކޯ އަށް 3-0 އިން މެޗު ލިބުނު ކަމަށް ނިންމައި، ތަށި އެ ގައުމަށް ދީފައެވެ.
ކާފް އިން މިގޮތަށް ނިންމީ، ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް މޮރޮކޯ އަށް ޕެނަލްޓީއެއް ދިނުމުން، އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖުކޮށް ސެނެގޯލްގެ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑުން ފޭބުމުންނެވެ. އޭގެ ކުރިން ސެނެގޯލުން ޖެހި ލަނޑެއް ވެސް ރެފްރީ ވަނީ ފައުލެއް ކަމަށް ބަލައި ކެންސަލް ކޮށްފައެވެ. ސެނެގޯލްގެ ކުޅުންތެރިން ދަނޑުން ފޭބުމަށްފަހު، ގާތްގަނޑަކަށް 14 މިނެޓު ފަހުން އަލުން ދަނޑަށް އަރައި މެޗު ކުރިއަށް ގެންދިޔައެވެ. އަދި މޮރޮކޯ އިން ފޮނުވާލި ޕެނަލްޓީ ދިފާއުކުރުމަށްފަހު، އިތުރު ވަގުތުގެ ތެރޭގައި ޕާޕޭ ގޭއި ޖެހި ލަނޑުން މެޗު ކާމިޔާބުކުރީ ސެނެގޯލެވެ.
އެހެންނަމަވެސް، މެޗު ދޫކޮށް ދިޔަކަމަށް ބަލައި ކާފް އިން މޮރޮކޯ އަށް ތަށި ދިނުމުން ސެނެގޯލުން އެ މައްސަލަ ކާސް އަށް ހުށަހެޅިއެވެ. ސެނެގޯލްގެ ފުޓްބޯޅަ އިދާރާއިން ބުނެފައިވަނީ ކާފްގެ އެ ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށާއި، އެއީ ފުޓްބޯޅައިގެ އަސާސްތަކަށް ބުރޫއަރާނެ ކަމެއް ކަމަށެވެ.
ފްރާންސް، އިޓަލީ އަދި ޖަރުމަނުގެ ގާނޫނީ މާހިރުންގެ ޕެނަލަކުން މައްސަލަ ބެލުމަށްފަހު ކާސް އިން ނިންމީ މެޗުގެ ރެފްރީ ގާނޫނީ އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ސެނެގޯލްގެ އިސްތިއުނާފު ބަލައިގަނެ، އެ ގައުމަކީ އެފްކޮން 2025 ގެ ޗެމްޕިއަން ކަމުގައި ކަނޑައެޅިއެވެ.
މި ނިންމުމާއެކު މޮރޮކޯގެ އަތުން ތަށި ގެއްލި، ސެނެގޯލް ވަނީ އެ ގައުމުގެ ތާރީހުގައި ދެވަނަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައެވެ.



