ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) އަށް ސެނެގާލުން ހުށަހެޅި އިސްތިއުނާފު ކާމިޔާބުވުމާ ގުޅިގެން، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި އަލުން އެ ޤައުމަށް ލިބިއްޖެއެވެ. މި ނިންމުން ނިންމާފައިވަނީ ސީއޭއެސްގެ ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި ސެނެގާލް އަތުން އަތުލަން ނިންމީ، މޮރޮކޯއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބުމާ ގުޅިގެންނެވެ.
މި އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު މޮރޮކޯގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ފަހު މިނެޓުގައި، ސެނެގާލްގެ ގޯލެއް ބާޠިލުކުރުމަށްފަހު މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމުން ސެނެގާލްގެ ކޯޗު ޕާޕޭ ތިއާއު ވަނީ ކުޅުންތެރިންނަށް ދަނޑުން ފޭބުމަށް އަންގާފައެވެ. މިކަމުގެ ސަބަބުން 15 މިނެޓަށް މެޗު މެދުކެނޑި، ދަނޑުމަތީގައާއި ސަޕޯޓަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. އަލުން ކުޅުން ފެށުމުން މޮރޮކޯގެ ބްރަހީމް ޑިއާޒް ޖެހި ޕެނަލްޓީ ސެނެގާލްގެ ކީޕަރު މަތަކޮށް، އިތުރު ވަގުތުގައި ޕާޕޭ ގޭ ޖެހި ލަނޑުން ސެނެގާލް 1-0 އިން މެޗު ކާމިޔާބުކުރިއެވެ.
މެޗަށްފަހު މޮރޮކޯއިން ހުށަހެޅި އިސްތިއުނާފަކާ ގުޅިގެން، މާރިޗު 17 ވަނަ ދުވަހު އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކެފް) އިން ނިންމީ ރެފްރީގެ ހުއްދަނެތި ދަނޑުން ފޭބުމުން މުބާރާތުގެ ޤަވާޢިދުގެ 82 ވަނަ މާއްދާގެ ދަށުން ސެނެގާލް ބަލިވީ ކަމަށާއި، 3-0 އިން މޮރޮކޯ މޮޅުވީ ކަމަށެވެ. މި ނިންމުމާއެކު ދެ ޤައުމުގެ ދެމެދުގައި ޤާނޫނީ ބޮޑު ކޯޅުމެއް އުފެދި، ސެނެގާލުން ތަށި ދޫކޮށްލަން ދެކޮޅު ހަދައި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) އަށް ހުށަހެޅިއެވެ. ނަމަވެސް ރެފްރީ މެޗު އަލުން ފަށައި ނިންމާފައިވާތީ، ރެފްރީގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ކަނޑައަޅައި ސީއޭއެސްއިން ވަނީ އަލުން ސެނެގާލަށް ތަށި ދިނުމަށް ޙުކުމްކޮށްފައެވެ.
ސީއޭއެސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސެނެގާލްގެ އިސްތިއުނާފު ބަލައިގަނެ، ކެފްގެ ކުރީގެ ނިންމުން ބާޠިލުކޮށްފައިވާ ކަމަށެވެ. މިއީ އެފްރިކާގެ ފުޓްބޯޅައިގެ ތާރީޚުގައިވެސް މިފަދަ ގޮތަކަށް ތަށި އަނބުރާ ލިބުނު ފާހަގަކޮށްލެވޭ ހާދިސާއެކެވެ.



