ހިޖުރަވެރިންތަކެއް ގޮވައިގެން އެޓްލާންޓިކް ކަނޑުން، ހުޅަނގު އެފްރިކާގެ މޮރިޓޭނިއާ ކައިރިން ލާފައި ދަތުރުކުރަނިކޮށެ ބޯޓެއް ބަންޑުންޖަހާލައި، 140 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ބައިނަލްއަގުވާމީ ހިޖުރަވެރިންނާ ބެހޭ ޖަމްއިއްޔާ (އައި.އޯ.އެމް) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބޯޓު ބަންޑުންވިއިރު އޭގައި ގާތްގަނޑަކަށް 180 އެއްހާ މީހުން ދަތުރުކުރަމުން ދިޔައެވެ.
މި ބޯޓަކީ އެފްރިކާގެ ދި ގޭމްބިއާ އިން ފުރައިގެން ސްޕެއިންގެ ކެނޭރީ އައިލެންޑްސްއަށް ދިއުމަށް މިދިޔަ މަހު ފުރި ބޯޓެކެވެ. ނަމަވެސް، ކަނޑުމަތީގައި ބޯޓު ހަލާކުވެ، އެއްވެސް އެހީތެރިކަމެއް ނުލިބި 25 ދުވަސްވަންދެން ކަނޑުމަތީގައި ތާށިވެފައި އޮތް ކަމަށް ސަލާމަތްވި މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާގައި މޮރިޓޭނިއާގެ ކޯސްޓްގާޑުންނާއި މަސްވެރިންނަށް ސަލާމަތްކުރެވުނީ އެންމެ 38 މީހުންނެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭއިރު، ބައެއް ކުދިންގެ މުޅި އާއިލާ ވަނީ މި ކާރިސާގައި ދުނިޔެ ދޫކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން "ޑޮކްޓާސް ވިތައުޓް ބޯޑާސް" (އެމް.އެސް.އެފް) އާއި ރެޑް ކްރެސެންޓުން ދަނީ ސަލާމަތްވި މީހުންނަށް ސިއްހީ އަދި ނަފްސާނީ ކުއްލި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހުޅަނގު އެފްރިކާއިން އެޓްލާންޓިކް ކަނޑު ހުރަސްކޮށް ޔޫރަޕަށް ދިއުމަށް ބޭނުންކުރާ މި މަގަކީ ދުނިޔޭގައި ވެސް ހިޖުރަވެރިން ދަތުރުކުރާ އެންމެ ނުރައްކާތެރި އަދި ކޮންމެ އަހަރަކު އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލޭ މަގެކެވެ.









