ވިޔަފާރިވެރިންނާ ހިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު “ޓްރޭޑިއަން” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާހު ކޮށްދެއްވައިފި އެވެ.
އެމަނިކުފާނު މި ޕްލެޓްފޯމު އިފުތިތާހު ކޮށްދެއްވީ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ރަސްމީގޮތުން އިފުތިތާހު ކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެން މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު އިފުތިތާހުކޮށްދެއްވި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ހިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެ އެވެ. މިއީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމުކުރި ޕޯޓަލެކެވެ. މި ޕްލެޓްފޯމުގެ ބޭނުން ރަސްމީގޮތުން ކުރަން ފެށުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ފަހުކޮޅުގަ އެވެ.
ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އަދި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.









