ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލެ ފޭސް އެކެއްގައި ތަރައްގީކުރާ 182 ހައުސިންގް ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
އެފްޑަބްލިއު ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ބީއެމްއެލް އިން ހާމަކުރި އެވެ. މީގެ ހަފްތާއެއް ކުރިން، އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްގީ ކުރާ 364 ފްލެޓުގެ ތެރެއިން 182 ފްލެޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
މި މަޝްރޫއަކީ ވަޒީރުންގެ މަޖިލީހުން ނިންމެވި ނެޝަނަލް ހައުސިންގް އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ދަށުން، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން މާލެ ސަރަހައްދުގައި 3،200 އަށްވުރެ ގިނަ ފްލެޓް (ޖުމްލަ 3,260 ޔުނިޓް) ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިހާރުވެސް ދަނީ ހިންގަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލޭގައި ވެސް ފްލެޓު އެޅުމުގެ މަޝްރޫއުތައް ދަނީ ކުރިއަށެވެ. މީގެކުރިން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ 1،117 ފްލެޓު އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) އާ 1،224 ފްލެޓު އަޅަން ހަވާލުކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު، މާލެ ސަރަހައްދުގައި އެކިއެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ 10،000 އަށް ވުރެ ގިނަ ފްލެޓުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.
ބީއެމްއެލް މެދުވެރިކޮށް ހިންގާ މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 900 އަކަފޫޓުގެ، ތިން ކޮޓަރީގެ މި ފްލެޓްތަކަކީ މަހަކު 60,000 ރުފިޔާއަށްވުރެ ދަށުން އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށްގެން ދޫކުރާ ސޯޝަލް ހައުސިންގް ޔުނިޓްތަކެކެވެ. މި ޔުނިޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ "ރެންޓް ޓު އޯން" ނުވަތަ ކުލި ދައްކަމުން ގޮސް މިލްކުކުރެވޭ މޮޑެލްގެ ދަށުން، ނިސްބަތުން ކުޑަ ކުއްޔެއްގަ އެވެ.
ބީއެމްއެލްއިން ލަފާކުރާ ގޮތުގައި މި ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ އެވެ. މިއާއެކު މި މަޝްރޫއު ވެގެންދާނީ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަސައްކަތް ފަށައި، ހުރިހާ މަސައްކަތެއް ނިންމައި، އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކުރެވޭނެ ތާރީހީ ފުރަތަމަ ހައުސިން މަޝްރޫއަށެވެ. އަދި މިއީ މާލެ ސަރަޙައްދުގައި ގެދޮރު ހޯދުމަށް އޮތް ބޮޑު ޑިމާންޑަށް ދާއިމީ އަދި އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.



