ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީއެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ލީޒިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ބިނާކުރާ 364 ހައުސިން ޔުނިޓުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިރޭ ހުޅުމާލެ ފޭސް 1 ގެ ސައިޓުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި، މަޝްރޫއުގެ ކޮންޓްރެކްޓަރު އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީގެ އިސްވެރިންގެ އިތުރުން ބީއެމްއެލްގެ އިސް ބޭފުޅުންނެވެ.
މި "އެފޯޑަބަލް ހައުސިން" މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ. މިއީ "ލީސް-ޓު-އޯން" ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ މޮޑެލްއަށް ބިނާކޮށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މިރޭ ފެށި މި މަސައްކަތާއެކު، ހުޅުމާލޭގެ ދެ ފޭސް އަދި ވިލިމާލޭގައި އަޅާ ޖުމުލަ 3,260 ޔުނިޓްގެ ބިންގާ މިހާރު ވަނީ އަޅާފަ އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އިތުރު އުފާވެރި ހަަބަރެއްވެސް ހިއްސާކޮށްފަ އެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާކަން އެ ބޭންކުން އިއުލާންކުރި އެވެ. މިއާއެކު ބީ.އެމް.އެލް އެފޯޑަބަލް ހޯމް ލީސިން މެދުވެރިކޮށް ތަރައްގީކުރާ ޖުމުލަ ޔުނިޓްގެ އަދަދު 3,800 އަށް އަރާނެ އެވެ.
ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ ހުރިހާ އަމަލީ މަސައްކަތްތަކެއް ނިންމައި، 2028 ވަނަ އަހަރު ނިމުމުގެ ކުރިން ރައްޔިތުންނަށް މި ތަންތަނުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ އަގުތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.









