ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ އަވަށުގައި ބިނާކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފި އެވެ.
މި މަޝްރޫއަކީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ" އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ 3260 ހައުސިންގ ޔުނިޓްގެ ބިޔަ މަޝްރޫއުގެ ބައެކެވެ. ވިލިމާލޭގައި މިއަދު ބިންގާ އެޅުނު 300 ޔުނިޓަކީ މި މަޝްރޫއުގެ ދަށުން އަމަލީ މަސައްކަތް ފެށުނު މުހިންމު ބައެކެވެ.
މި މަޝްރޫއުގެ އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. އާރުސީސީގެ ފަރާތުން ބުނެފައިވަނީ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 17 ފަންގިފިލާގެ ތިން ޓަވަރު ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން މައުލޫމާތު ދޭ ގޮތުގައި، ވިލިމާލޭގައި އިމާރާތްކުރާ މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާލައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި ރައްޔިތުންނަށް އެތަނުގައި ދިރިއުޅެވޭނެ ވަރުވާނެ އެވެ.
މި މަޝްރޫއުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރޔ ޑރ. އަބްދުﷲ މުއްތަލިބާއި، ސަރުކާރުގެ އިސްވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބީއެމްއެލްގެ ޗެއާޕަރސަން އަހްމަދު އަލީ ހަބީބާއި، ސީއީއޯ މުހައްމަދު ޝަރީފްގެ އިތުރުން އާރުސީސީގެ ޗެއާމަން މުޙައްމަދު ނާޒިމްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ސަބަބުން ވިލިމާލޭގެ ގިނަ އާއިލާތަކަކަށް ބޯހިޔާވަހިކަމުގެ ތަސައްލީއެއް ލިބިގެންދާނެ އެވެ.









