ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ރައްޔިތުންނަށް އަރުވައިފި އެވެ.
މި މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށް ބާއްވާ މި ޖަލްސާ އޮންނާނީ މިރޭ 20:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ އިއްޒަތްތެރިންނާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ޖަލްސާއަކީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހޯދާފައިވާ މުހިންމު ކާމިޔާބީތަކާއި، ގައުމަށް ގެނެވުނު ތަރައްގީގެ ތަފްސީލުތައް ރައްޔިތުންނާ ހިއްސާކުރުމަށް ބާއްވާ ޖަލްސާއެކެވެ. މީގެއިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ހިންގުމަށް ކަނޑައަޅާފައިވާ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާގައި ޤައުމާ މުހާތަބު ކުރައްވާނެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި ޕީއެންސީގެ ރިޔާސީ ޓިކެޓު ވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ރައީސް ޑރ. މުޢިއްޒަށް އަރުވާފަ އެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށެވެ. އެގޮތުން 'ރަސްމާލެ' ފަދަ އިންގިލާބީ ބިޔަ މަޝްރޫއުތައް ފައްޓަވައި، ފްލެޓާއި ގޯތި ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށް، މަސްތުވާތަކެތި ރާއްޖެ އެތެރެވާ ދޮރުތައް ބަންދުކުރުމަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.
އިގްތިސާދީ އަދި މާލީ ދާއިރާއިން ބަލާއިރު، ގައުމު ވެއްޓިފައި އޮތް މާލީ އަނދަވަޅުން އަރައިގަތުމަށްޓަކައި މުހިންމު އިސްލާހީ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ. ވަކިން ހާއްސަކޮށް، ދައުލަތުގެ ބޮޑު ދަރަނި މެނޭޖްކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅައި، ފައިސާ ޗާޕުކުރުން އެއްކޮށް ހުއްޓާލުމުން ދިވެހި ފައިސާގެ އަގު ވަނީ ހިފެހެއްޓިފަ އެވެ. މީގެއިތުރުން އިގްތިސާދީ ދުވެލި ވަރުގަދަކުރުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލަކާއި މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.
މިރޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ކުލަގަދަ ޖަލްސާއަށް ވީހާވެސް ގިނަ އާންމު ރައްޔިތުން ވަޑައިގެން، ސަރުކާރުގެ ކާމިޔާބީތައް ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.




