މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިޔަފާރިތައް އޮޑިޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ "ރިސްކް ބޭސްޑް" ނިޒާމެއްގެ ތެރެއިން، ވަކި ފަރާތަކަށް ބެލުމެއްނެތި އިންސާފުވެރިކަމާއެކު ކަމަށް އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ހާމަކޮށްފިއެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ހިމެނޭހެން އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ގަވާއިދުން އޮޑިޓްކުރަމުންދާ ކަމަށާއި، ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ވެސް ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށް މީރާއިން ފާހަގަކުރިއެވެ.
މީރާއިން ބުނީ، ގާނޫނުން އެ އޮތޯރިޓީއާ މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތަކީ ޓެކްސް ގާނޫނުތައް ތަންފީޒުކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހަމަހަމަކަމާއެކު ހޯދުން ކަމަށެވެ. އަދި ވިޔަފާރިއެއްގެ ސައިޒަކަށް ނުވަތަ ބާވަތަކަށް ބެލުމެއްނެތި، ހުރިހާ ފަރާތްތަކަކަށް ވެސް ގާނޫނު އެއް އުސޫލަކުން ތަންފީޒުކުރުމަކީ މީރާގެ އަސާސީ ސިޔާސަތު ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ޓެކްސް ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން، ޖީއެސްޓީ ފައިސާގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށް ވުރެ މަތީ އަދަދުތައް ދައްކަންޖެހި ނުދައްކައިވާ 25 ފަރާތެއްގެ މައުލޫމާތު މިހާރު ވަނީ އާންމުކޮށްފައެވެ. މިއީ 2024 ގެ ހަތަރުވަނަ ކުއާޓަރާއި، 2024 ޑިސެމްބަރުން ފެށިގެން 2026 ޖޫން މަހުގެ ނިޔަލަށް ހުރި ބާކީތައް ނުދައްކާ ފަރާތްތަކެވެ. އަދި މި ލިސްޓު އާންމުކުރުމުގެ ކުރިން، ފޯނާއި އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތްތަކަށް ތަކުރާރުކޮށް ހަނދާންކޮށްދީފައިވާނެ ކަމަށް މީރާއިން ބުންޏެވެ.
މީގެއިތުރުން، ކުދި ވިޔަފާރިތަކަށް ހިސާބު ބެލެހެއްޓުމާއި ބަޔާން ހުށަހެޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވާނެ ކަމަށާއި، ފައިސާ ދެއްކުމުގައި ދަތިތައް ކުރިމަތިވާ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ މަގު ފަހިކޮށްދެމުންދާ ކަމަށް ވެސް މީރާއިން ފާހަގަކުރިއެވެ.
އެހެންނަމަވެސް، ގަސްދުގައި ޓެކްސް ނުދައްކައި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ގާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ފަރާތްތަކާމެދު ފަސްޖެހުމެއްނެތި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މީރާއިން ވަނީ ދީފައެވެ.




