މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބިލު ތަސްދީގުކުރެއްވުމާއެކު، މި ގާނޫނު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައެވެ.
މި ބިލަކީ އޮގަސްޓު 23 ވީ އާދީއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ގެނެވުނު އިސްލާހުގެ ދަށުން "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދިވެހިރާއްޖޭގައި ދާއިމީ ވިޔަފާރި މަރުކަޒެއް ނެތް ނަމަވެސް، ރާއްޖެއިން ބޭރުގެ އޯފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި، ފޮރިން ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ފޯރުކޮށްދޭ އިންބައުންޑް ޕްރޮޑަކްޓްތަކުން ޖީ.އެސް.ޓީ ނެގޭނެއެވެ. މީގެ ތެރޭގައި ފަތުރުވެރިންގެ ހުރުމާއި ކެއިންބުއިމާއި، ދަތުރުފަތުރު އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ހިދުމަތްތައް ހިމެނެއެވެ.
މިފަދަ އޯފްޝޯ ޕްލެޓްފޯމްތައް މެދުވެރިކޮށް ވިއްކާ މުދަލާއި ހިދުމަތްތަކުން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން މިހާރުވެސް ނަގަމުންދާ ޓެކްސް ރޭޓު ކަމުގައިވާ 17 އިންސައްތައިގައެވެ.
މި އިސްލާހުގެ ދަށުން އަލަށް ތައާރަފްކުރެވޭ މި ޓެކްސް ރަސްމީކޮށް ނަގަން ފަށާނީ މިއަަހރުގެ އޮކްޓޫބަރު 1 އިން ފެށިގެންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، މި އިސްލާހާ ގުޅިގެން އެކުލަވާލަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.









