އޮލްޑް ޓްރެފޯޑްގައި މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގޯލެއް ވެސް ޖެހިޔަނުދީ 3 ލަނޑުން މޮޅުވި މެޗަށް ފަހު މިއީ އޭނާގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ދުވަސްވަރެއް ކަމަށް ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު އިޝާރާތެއް ދީފި އެވެ.
ރޯމާއިން ރެކޯޑު އަގަަށް 2017ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މުޅި ޕްރިިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓަށް އެރި މި މޮޅު ކުޅުންތެރިޔާ ، މެޗަށްފަހު ވާހަކަ ދައްކަމުން ވަނީ އަންނަ ހޫނު މޫސުމުގައި ހަމަވާން ހަމަޖެހިފައިވާ ކޮންޓްރެކްޓް އާކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަން ހާމަކޮށްފައެވެ. "އެނގިވަޑައިގަންނަވާނެ ފަދައިން މިއީ އަހަރެންގެ އެންމެ ފަހު އަހަރު ކްލަބުގައި...އަދި އަންނަ އަހަރު ވާނެ ގޮތެއް ބަލާނަން،" ސަލާހު ބުންޏެވެ.
އޭނާ މިހެން ބުނި ނަމަވެސް ސްކައި ސްޕޯޓްސްގެ ޕަންޑިޓް ޖޭމީ ކެރަގާ ގަބޫލުކުރާ ގޮތުގައި މި ސީޒަނަށް ފަހު ވެސް ސަލާހު އެންފީލްޑްގައި ދެމިހުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. "އަންނަ ސީޒަނުގައި ސަލާހު ލިވަޕޫލަށް ނުކުޅެފިނަމަ ވަރަށް ހައިރާންވާނެ،" ކެރަގާ ފާހަގަކުރި އެވެ.

ކޮންޓްރެކްޓް ދަށްވަމުންދާ ވަރަކަށް ޝައްކެއްވެސްނެތްގޮތުގައި އޭނާގެ މުސްތަގުބަލާ މެދު ކުރެވޭ ޝައްކުތައް ބޮޑުވާނެއެވެ. ނަމަވެސް މިވަގުތު ސަލާހުގެ ސަމާލުކަން ހުރީ ރެޑްސްއަށް ކަމަށް ފުޓުބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ރޯއީ ކޭން ބުނަނީ އުމުރުން 32 ހިސާބަށް ދިޔުމުން ދެން ކުލަބު ތަކުން އެކުޅުންތެރިއެއްގެ ބަދަލުގައި އެހެން ކުޅުންތެރިއެއް ހޯދުމަށް ވިދްނާނެއެވެ. ނަމަވެސް ސަލާހަކީ ތަފާތު ކުޅުންތެރިއެއް ކަމަށާ، އަދި އޭނާ ރޮނާލްޑޯ އާއި މެސީ ހިނގި މަގުން ހިނގާފާނެކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.









