ދައުލަތުގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި އެ ފެންވަރަށް ތަރައްގީކުރަމުން އަންނަ ހޮސްޕިޓަލުތައް އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގެވުމަށް "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދަވައިފިއެވެ.
މި ބަދަލާ ގުޅިގެން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިތުރުން ރީޖަނަލް ފަސް ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް މިހާރު ވަނީ އުވައިލައްވާފައެވެ. އެގޮތުން އުވައިލެއްވި ބޯޑުތަކުގެ ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ.
އަލަށް އުފެއްދެވި އެމްޓީއެޗްޖީގެ ގަވަރނިންގ ބޯޑަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި ހެލްތު މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރާނެ ބޯޑެކެވެ. މި ބޯޑުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.
އަލަށް އެކުލަވައިލި 18 މެންބަރުންގެ މި ބޯޑުގެ ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ ސިއްހީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ޑރ. އަބްދުލްއަޒީޒު ޔޫސުފެވެ. އަދި ވައިސް ޗެއަރޕަރސަނަކަށް ހަމަޖެއްސެވީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސައިން ހަލީމެވެ. ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ކަމާގުޅޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއި، ހޮސްޕިޓަލްތަކުގެ އިސްވެރިންނެވެ.
އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމާއި، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. އިބްރާހީމް ޔާސިރު އަހުމަދުގެ އިތުރުން ޕްރައިމަރީ ހެލްތުކެއަރ، ޕަބްލިކް ހެލްތު އަދި ނަރސިންގ ދާއިރާގެ ބޭފުޅުން ހިމެނެއެވެ. މީގެއިތުރުން ހެލްތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ އިސްވެރިން ވެސް މި ބޯޑުގައި ތަމްސީލުކުރައްވައެވެ.
އެމްޓީއެޗްޖީގެ ބެލުމުގެ ދަށުން ޖުމްލަ 12 މަރުކަޒެއްގެ ހިންގުން ބަލަހައްޓަމުން ގެންދާނެއެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، މޯލްޑިވިއަން ބްލަޑް ސަރވިސަސް، ތެލަސީމިއާ ސެންޓަރުގެ އިތުރުން ކުޅުދުއްފުށި، އައްޑޫ، އުނގޫފާރު، ތިނަދޫ، ގަން އަދި ފުވައްމުލަކު ހޮސްޕިޓަލް ހިމެނެއެވެ.



