ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 10:00 އިން ފެށިގެން ދަނީ ކުރިޔަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް ޖުމްލަ 3 މެންބަރުން އިންތިހާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.
ސިޓީ ކައުންސިލްތަކުގެ ތެރެއިން އިންތިހާބުކުރަންޖެހޭ މަގާމަށް ކުރިމަތިލެއްވީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ކުރިއަށްދަނީ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ ބާކީ ދެ މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުމުގެ ކަންކަމެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 807 ފަރާތަކަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 182 ރައީސުންނެވެ.
މި އިންތިހާބަށްޓަކައި އެލްޖީއޭއާއި، އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ހިދުމާތު މަރުކަޒުތަކުގެ އިތުރުން ހުޅުދޫ އިޖުތިމާޢީ މަރުކަޒު ހިމެނޭހެން ޖުމްލަ 19 ވޯޓުފޮށި ބަހައްޓާފަވެއެވެ. މާލޭގައި ވޯޓުފޮށި ބަހައްޓާފައިވަނީ އެލްޖީއޭގެ އޮފީހުގައެވެ. ވޯޓުފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ތިބޭނީ ހިދުމާތު މަރުކަޒުތަކާއި އެލްޖީއޭގެ މުވައްޒަފުން ކަމަށްވާއިރު، ހުރިހާ ވޯޓުފޮއްޓެއްގައިވެސް ވޯޓުލުން ކުރިއަށްދާގޮތް އެލްޖީއޭއިން ސީދާ ބަލައި މޮނިޓަރ ކުރަމުންދާނެ ކަމަށް އެ އޮތޯރިޓީން ހާމަކުރިއެވެ.
އިންތިހާބުގެ ވޯޓުލުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން އެލްޖީއޭއިން ބުނީ ދެ މެންބަރުން ހޮވުމަށް ވޯޓު ކަރުދާސް ލާންޖެހޭނީ އެއް ވޯޓުފޮއްޓަކަށް ކަމަށެވެ. ނަމަވެސް ރަށު ކައުންސިލްގެ މެންބަރާއި އަންހެނުންގެ ކޮމިޓީގެ ރައީސް ހޮވުމަށް ދޫކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށް ވިދާޅުވިއެވެ. މިއަދު ހަވީރު 4:00 އަށް ވޯޓުލުން ނިންމާލުމަށް ހަމަޖެހިފައިވީ ނަމަވެސް، ވަގުތު ހަމަވާއިރު ކިއުގައި މީހުން ތިބެޖެހޭނަމަ އެ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް އެލްޖީއޭއިން ނިންމާފަވާކަމުގައި ހާމަކުރިއެވެ.
ވޯޓުގެ ނަތީޖާ ފާޅުކުރުމާ ގުޅޭގޮތުން އެލްޖީއޭއިން ވިދާޅުވީ ވޯޓުލުން ނިންމައި ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓު ފަހުން ވޯޓު ގުނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ ނޮވެމްބަރު 3 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް އެލްޖީއޭއިން ބުނިއެވެ.




