ބ. ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރުގެ ސަރަހައްދުގައި ފީނުމާއި ޑައިވުކުރުން ވަގުތީގޮތުން މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ އިން ބުނެފި އެވެ.
ދޮންފަނުގެ ބިން ނުހިއްކާގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން، އެކަމަށް ކަނޑުމަތީގައި ސިލްސިލާ އިހްތިޖާޖުކުރުމަށް ނިންމައި އެރަށު ކައުންސިލުން ވަނީ މިއަދު އިއުލާނެއް ކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުން މި އިހުތިޖާޖުތައް ކުރާނީ ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރުގެ ސަރަހައްދުގައި ކަނޑުމަތީގައިކަމަށްވާތީ އެ ކައުންސިލުން ވަކި ގޮތެއް ކަނޑައަޅާ އަންގަންދެން އެ ސަރަހައްދުގައި އެއްވެސް ފަރާތަކުން ފީނުމާއި، ޑައިވްކުރުމަކީ މަނާކަމެއްކަމަށް ވަނީ ބުނެފަ އެވެ.
ކައުންސިލުގެ އިހުތިސާސް ބޭނުންކުރުމާ ގުޅޭގޮތުން ލާމަރުކަޒީ ގާނޫނުގައި ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހްތިސާސްކަމުގައި ކަނޑައެޅިފައިވިޔަސް އެތަންތަނުގައި ގާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްވެ ދެންނެވުނު ގާނޫނީ ހަމަތަކަށް ރިއާޔަތްކުރާއިރު ބ. ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކޮށް ދޮންފަނު ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި މިފަދަ ނިންމުންތައް ނިންމުމުގެ އިހްތިސާސް ކައުންސިލަށް ލިބިގެންނުވާތީ ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާތިލުކުރުމަށް އަންގާކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ދޮންފަނުގެ ބިން ހިއްކުމާއިމެދު ބ އަތޮޅުގެ ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ. ދޮންފަނު ރައްޔިތުން އެރަށުގެ ބިންހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަޝްރޫއު ކުރިއަށްގެންދަވަން ނިންމި އެވެ. ނަމަވެސް ދޮންފަނުގެ ބިންހިއްކަން ފެށުމުން އެ އަތޮޅުގައި ހިމާޔަތްކޮށްފައި އޮންނަ ހަނިފަރަށް އެކަމުގެ އަސަރުކޮށް އެތަނަށް އަރާ އެންމަޑިތަކަށް ގެއްލުންވާނެތީ އެކަމާ ދެކޮޅަށް އެތައް ބަޔަކު ވަނީ ސޯޝަލްމީޑިއާ މަންސަތަކުގައިވެސް ކަންބޮޑުބުން ފާޅުކޮށްފަ އެވެ. އަދި ރައްޔިތުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަނީ ދޮންފަނު ބިންހިއްކުމުގެ މަޝްރޫއު ކުރިއަށްނުގެންދަވަން ނިންމަވާފަ އެވެ.