ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ތިން މަސްދުވަހުގެ މުއްދަތަށް ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، މަގާމުން ސަސްޕެންޑު ކޮށްފި އެވެ.
އެލްޖީއޭއިން ބުނެފައިވާ ގޮތުގައި، ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ކައުންސިލުން ނިންމާފައިނުވާ ގޮތަށް ބިމާބެހޭ ކޮމިޓީން ބައެއް ނިންމުންތައް ނިންމާފައިވާ ކަމުގެ ތުހުމަތެވެ. މީގެ އިތުރުން، ކައުންސިލްގެ މެންބަރުންނަށް ލިބިފައިވާ އިނާޔަތްތަކާ ހިލާފަށް ބައެއް ކަންކަން ކޮށްފައިވާ ކަމަށާއި، ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް ފަރުވާކުޑަކޮށް އަދާކޮށްފައިވާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފަ އެވެ.
އެލްޖީއޭއިން ބުނެފައިވަނީ ހޯރަފުށި ކައުންސިލްގެ އިންކުއަރީ އިން ފާހަގަކުރެވުނު ކަންކަމާމެދު ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ކައުންސިލަށް ދިން ކަމަށާއި އެ މުއްދަތު ތެރޭގައި ޖަވާބުދާރީވެފައިވާ ކަމަށެވެ.
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ގާނޫނާއި ގަވާއިދާއި ހިލާފަށް ކޮރަޕްޝަނަށް މަގުފައިވާގޮތަށް 5،000 (ފަސްހާސް) އަކަފޫޓުގެ ބިމެއް ދީފައިވާކަމަށް ބުނެ އެލްޖީއޭއަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއާއި، ހޯރަފުށީ ކައުންސިލުން ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާ، އަދި މާލިއްޔަތު ގަވާއިދާ ހިލާފަށް ކަންކަން ކުރަމުންދާކަމަށް ބުނެ އެލްޖީއޭއަށް ހުށަހެޅިފައިވާ ޝަކުވާތަކާއި އެކު ޖުމްލަ 08 މައްސަލައެއް އިންކުއަރީގައި ބެލިފައިވެއެވެ. އެ މައްސަލަތަކަކީ:
- ވޮލީ މުބާރާތެއް ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ކައުންސިލުން ހަރަދުކުރި މައްސަލަ
- ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހޯކްސް އަށް 5،000 އަކަފޫޓްގެ ބިމެއް ދީފައިވާ މައްސަލަ
- ލޭންޑް ޔޫޒްޑް ޕްލޭންއާ ހިލާފަށް ރަށުގެ ގޯތިތަކާއި އިންވެގެން އޮންނަ ހުސް ބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވާ މައްސަލަ
- މާލިއްޔަތު ގަވާއިދާ ހިލާފަށް ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަނދުރު ރުއްތަކެއް ގަތް މައްސަލަ
- ސްޓޭޖް ލައިޓް އަދި ސްޓޭޖުގެ އެހެނިހެން ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާ މައްސަލަ
- ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމިޓީގައި ތިބޭ ކަމަށް ހުށަހެޅިފައިވާ މައްސަލަ
- ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދުމުން މައުލޫމާތު ފޯރުކޮށްނުދޭ މައްސަލަ
- އަޟްހާ އީދަށް ލައިޓް ގަތުމަށް ސްޕްލިޓްކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާ ހިލާފަަށް ދޫކޮށް، އެ ތަކެތި ކައުންސިލަށް ލިބިފައިނުވާ މައްސަލަ
މި ތުހުމަތުތަކާ ގުޅިގެން އެލްޖީއޭއިން ކުރި ތަހުގީގުން މިކަންކަން ވަނީ ސާބިތުވެފަ އެވެ. އަދި، ކައުންސިލްގެ މެންބަރުންނާ ހިލާފަށް ވަކި ފަރާތަކަށް މަންފާ ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށްވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
މި ނިންމުމަކީ ލޯކަލް ކައުންސިލްތަކުގެ ގާނޫނާއި، ލޯކަލް ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރާނެ ގޮތުގެ ގަވާއިދުތަކާ އެއްގޮތަށް އެލްޖީއޭއިން ނިންމާފައިވާ ނިންމުމެކެވެ. 90 ދުވަހުގެ މި ސަސްޕެންޝަންގެ މުއްދަތުގައި، މުހައްމަދު ވަހީދަށް ކައުންސިލްގެ އެއްވެސް މަސައްކަތެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ.






