ހއ. ހޯރަފުށީގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު ހަސަން ނައުފަލް ނާސިރު އެވެ.
މި މަޝްރޫއަކީ ހޯރަފުށީގެ އުމްރާނީ ތަރައްގީއަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ސަރުކާރުން އަތޮޅުތެރޭގެ ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ދެއްވާ އިސްކަމުގެ ދަށުން، ހޯރަފުށީގެ މަގުތައް ހެދުމުގެ ތިންވަނަ ފިޔަވަހި ފެށުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު އުފަލެކެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ބާކީ ހުރި މަގުތަކުގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.









