ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫޢުތައް އިދާރީ ހުރަސްތަކެއް ނެތް ގޮތެއްގައި އަވަސްކުރުމަށްޓަކައި، ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފުރިހަމައަށް ތާއީދުކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މި ބިލާ ގުޅޭގޮތުން އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ، ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ތަރައްގީގެ މަސައްކަތްތައް ލަސްވަމުންދާ ދިއުމަށް މި ބަދަލާއެކު ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މި އިސްލާހުގެ ދަށުން، ސަރުކާރުގެ ތަރައްގީގެ މަޝްރޫޢެއް ހިންގުމަށް ކައުންސިލެއްގެ ބިމެއް ނުވަތަ ފަޅެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމައި، އެކަން އެލްޖީއޭ މެދުވެރިކޮށް އެންގުމުން އެ ބިމެއް ކައުންސިލްގެ އިހުތިސާސުން އުނިވެ، ދައުލަތުގެ ފުރިހަމަ ބާރުގެ ދަށަށް ބަދަލުވާނެއެވެ. މީގެ އިތުރުން، ރަށެއްގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ފާސްނުވެ އޮތް ނަމަވެސް، ސަރުކާރުގެ މަޝްރޫޢަކަށް ބިން ބޭނުންވެގެން އެދުމުން ބިން ހަވާލުކުރަން ޖެހޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލާއެކު ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ހުރަސްއެޅޭ ގޮތަށް ނުވަތަ މަޝްރޫޢުތައް ލަސްވާނެ ފަދަ ނިންމުންތައް ނިންމުމާއި، ގަރާރުތައް ފާސްކުރުން ކައުންސިލްތަކަށް މަނާވާނެއެވެ.
މި އިސްލާހަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަރައްގީގެ މަސައްކަތްތައް އެއްވެސް މެދުކެނޑުމެއްނެތް ސީދާ ސަރުކާރުގެ ބެލުމުގެ ދަށުން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބާރުލިބޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.








