އިނގިރޭސީ ލީގުގައި އެންމެ ކާމިޔާބު ކުލަބު، މެންޗެސްޓަރ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ލިވަޕޫލުން އެމީހުން ރޮއްވާލައިފިއެވެ. ލިވަޕޫލުން މި މެޗު ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލުން ފުރަތަމަ ހާފު 2-0 އިން ނިންމާލިއިރު މި ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ މުޙައްމަދު ސަލާހުގެ އެހީތެރިކަމާއެކު ކޮލަމްބިއާގެ ފޯވާޑު ލުއިސް ޑިއާޒެވެ. ލިވަޕޫލުގެ ފަހު ގޯލު ފަހު ހާފުގައި ކާމިޔާބު ކޮށްފައިވަނީ ސޮބޮޒްލައިގެ އެހީތެރިކަމާއެކު ސަލާހެވެ. މިއީ ސަލާހު މި ސީޒަނުގައި ކާމިޔާބުކުރި 3 ވަނަ ގޯލެވެ. މިހާތަނަށް މި ސީޒަނުގައި ކުޅުނު 3 މެޗުގައިވެސް އޭނާވަނީ ގޯލު ޖަހާފައެވެ.

ލިވަޕޫލްގެ ތަރި މުޙައްމަދު ސަލާހު - އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 3 މެޗުގައިވެސް ގޯލު ޖަހާފައި
މި ބައްޔާއެކު ޔުނައިޓެޑު 13 ވަނައަށް ވެއްޓިފައިވާއިރު 3 މެޗުން 9 ޕޮއިންޓު ހޯދައި ލިވަޕޫލުން ވަނީ ތާވަލުގެ 2 ވަނައިގައި ސިޓީއާ ވިއްދާފައެވެ. ސިޓީ 1 ވަނައިގައި އޮތީ ލިވަޕޫލާ ފައިދާ ގޯލުން އެއްވަރުވެ ޖެހިގޯލުގެ ތަފާތުންނެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ވަނީ ރޭގައި ވެސްޓް ހޭމްއާ ކުޅެ 3-1 އިން މޮޅުވެފައެވެ. މި މެޗުގައި ސިޓީގެ 3 ގޯލުވެސް ކާމިޔާބު ކޮށްދީފައިވަނީ ނޯވޭގެ ފޯވާޑު އަރލިންގ ހާލަންޑެވެ.









