ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ރައިސް މުޢިއްޒުއާއި ގުޅުވައި ދޮގު ވާހަކަތަކެއް ފަތުރާއިރު އެކަމުގެ ހަގީގަތް ވަރަށް ސާފެވެ. މިޒަމާނުގައި ވީޑިއޯއެއް ހަދާލެވިދާނެއެވެ. އެކަމަކާ ދެބަހެއް ނުވަމެވެ. ހަގީގަތް ވަރަށް ސާފެވެ. މި މަޝްރޫޢަކީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާއި އަހުމަދު އަދީބު އިސްވެ ހުރެ އިކޮނޮމިކް ކައުންސިލުން ނިންމުމަށްފަހު ހަވާލުކުރި މަޝްރޫޢުއެކެވެ.
ބްރިޖާއި ބެހޭގޮތުން ތަފާތު ވާހަކަތައް ފަތުރަމުންދާއިރު ފެންނަންހުރި ހަގީގަތްތަކުން ދައްކުވައިދެނީ ތަފާތު ވާހަކައެކެވެ. ރައީސް މުއިއްޒުގެ އެއްވެސް ކުށެއް އެއްވެސް ހިސާބެއްގައި ނެތްކަން ސާފެވެ. ރެކޯޑް ތަކުން އެހެރީ ފެންނާށެވެ.
ސިނަމާލެ ބްރިޖާއި ގުޅޭ ގޮތުގެ ހެކި އަދި ޤަރީނާތައް:
ބްރިޖުގައި ހުންނަން ޖެހޭނީ ކިތައް ލޭނު ކަމަށް ރައީސް ޔާމީނުގެ ސަރުކާރުން ނިންމި ގޮތް:
4 ފުރޮޅުލީ އުޅަނދަށް 2 ލޭން، މޮޓޯސައިކަލް އަށް 2 ލޭން، ހިނގާމީހުންނަށް ނުވަތަ ބައިސްކަލު ދުއްވާ މީހުންނަށް 2 ލޭން، ޖުމްލަ 6 ލޭން
ސަރުކާރުން ފަހުން ނިންމީ ބައިސްކަލް ދުއްވަން ހާއްސަކޮށްފައިވާ 2 ލޭން ވެސް ހިނގާ މީހުންނަށް ހާއްސަކުރަން
ބްރިޖު މިހާރު ހުރީ ކިހިނެއް؟
ސަރުކާރުން ނިންމި ގޮތަށް ބުރިޖުގައި 4 ފުރޮޅުލީ އުޅަނދަށް 2 ލޭނާއި މޮޓޯސައިކަލް އަށް 2 ލޭން އަދި ހިނގާ މީހުންނަށް 2 ލޭން ހިމެނޭ ގޮތަށް ޖުމްލަ 6 ލޭން އެބަހުއްޓެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ފަހުން ނިންމީ ބައިސްކަލު ދުއްވަން ހާއްސަކޮށްފައިވާ 2 ލޭން ވެސް ހިނގާ މީހުންނަށް ޚާއްސަކުރާށެވެ.
އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ ވިސްނުމާއި ، ރައީސް ޔާމީން ޑރ. މުއިއްޒުއަށް އެންގެވި ގޮތް:
ހިނގާ މީހުންނަށް ހާއްސަ ކޮށްފައިވާ 2 ލޭނުގެ ތެރެއިން ބޭރުން ވަކިން އިންނަ 1 ލޭން ބައިސްކަލަށް ޚާއްސަކޮށް އަދި 1 ލޭން ހިނގާ މީހުންނަށް ޚާއްސަކުރަން ޑރ. މުއިއްޒު ނިންމެވިއެވެ. ނަމަވެސް ރައީސް އޮފީހުން ރައީސް ޔާމީން ފަހުން ރައީސް މުއިއްޒުއަށް އެންގެވީ 2 ލޭންވެސް ހިނގާ މީހުންނަށް ޚާއްސަކުރާށެވެ.
ބްރިޖާއި ގުޅޭ ގޮތުން ގޮތް ނިންމުމާއި އެއަށްފަހު މަސައްކަތް ހަވާލުކުރުން:
ވީ ކިހިނެއް؟
ބްރިޖުގެ މަޝްރޫޢު ހައުސިން މިނިސްޓްރީއާއި ހަވާލުކުރީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 25 ގައި ސިޓީއެއް މެދުވެރިކޮށެވެ. މި މަޝްރޫޢުގެ ސުޕަވައިޒަރީއާއި ނިންމުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތަޖުރިބާކާރު ސިވިލް އިންޖިނިއަރެއް ކަމަށްވާ އޭރުގެ ހައުސިންގ މިނިސްޓަރ، އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެވެ. ރައީސް މުޢިއްޒުގެ ޒިންމާ ފެށުނީ އެހިސާބުންނެވެ.
ރައީސް މުއިއްޒު އެ މަޝްރޫއު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެވަޑައިގަތީ ރަސްމީ ޕްލޭންތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މި ޕްލޭންތަކުގެ ތެރޭގައި ބްރިޖުގެ ކޮންމެ ކޮޅެއްގައި 3 ލޭން ހިމެނޭއިރު، ދެ ލޭން ވެހިކަލްތަކަށް އަދި އެއް ލޭން ހިނގާ މީހުންނަށް ހާއްސަކޮށްފައިވެ އެވެ. މިގޮތަށް ކޮންމެ ފަރާތަކަށް ޑަބަލްކޮށް ޖުމްލަ 6 ލޭނެވެ. ރައީސް މުޢިއްޒު ވަނީ ރައީސް އޮފީހުން ފޮނުވި މަޝްރޫޢުގެ ތަފްސީލީ ޑިޒައިން އާއި ސްޕެސިފިކޭޝަންތަކަށް ބަދަލެއް ނުގެނެސް، ސަރުކާރުން އެމަނިކުފާނަށް ފޯރުކޮށްދިން ކުރެހުމާ އެއްގޮތަށް މަސައްކަތް ނިންމާފައެވެ.
ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ ބްރިޖުގެ ޑިޒައިންއަށް ގެނައި އެއްވެސް ބަދަލެއް، ލޭންގެ އަދަދު ނުވަތަ އެހެން ބަޔަކު ހުށަހެޅި ބަދަލުތައް ހިނގިނަމަ ހިނގާފައިވާނީ އެ މަޝްރޫއު ރައީސް މުއިއްޒުއާ ހަވާލު ކުރުމުގެ ކުރިންނެވެ. ރައީސް މުއިއްޒަކީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ މެންބަރެއް ނޫނެވެ. ބުރިޖާއިބެހޭ ނިންމުންތައް ނިންމުމުގައި އެއްވެސް ބާރެއް ނުވަތަ ބައިވެރިވުމެއް ރައީސް މުއިއްޒަކަށް ނޯވެއެވެ. އެހެންކަމުން، އަސްލު ޕްލޭނުން އެއްވެސް ވަރަކަށް އެއްކިބާވެއްޖެނަމަ ޒިންމާވާން ޖެހެނީ ރައީސް މުޢިއްޒު ކަމަށް ބުނުމަކީ އަސާސެއް ނެތް ޚިޔާލެކެވެ.
ފާހަގަކުރެވޭ މުހިންމު ނުކުތާއެއް
އެ މަޝްރޫއު ނިމެން މަހަކާއި ގާތްވެފައި ވަނިކޮށް އޭރުގެ ދައުލަތުގެ ވެރިޔާ ރައީސް ޔާމީން، ސައިކަލު ދުއްވަން ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ރައީސް މުއިއްޒުގެ ގާތު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހިނގާމީހުންނަށް ކަނޑައެޅި ލޭން، ސައިކަލު ދުއްވާ ލޭނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ރައީސް އޮފީހުން ސިޓީއަކާއިއެކު ހައުސިންގ މިނިސްޓަރަށް ނިންމަން ހާވަލުކުރި މަޝްރޫޢުގައިވާ ކުރެހުންތަކާއި ހިލާފަށް އިތުރު ލޭނެއް ހެދޭނެތޯ ރައީސް މުއިއްޒުއަށް ދެންނެވުމުން އެމަނިކުފާނު ދެއްވި ޖަވާބަކީ ދެން އެފަދަ ކަމެއް ކުރެއްވުމަކީ ވަރަށް އުނދަގޫ އަދި ދަތި ކަމަކަށް ވާނެ ކަމެއް ކަމަށެވެ. ރައީސް މުޢިއްޒު މިފަދައިން ރައީސް ޔާމީނަށް އެންގެވީ ޗައިނާ ސަރުކާރާއި ވެސް ވާހަކަ ދެއްކުމަށްފަހު އެއީ ވާން ނެތް ކަމެއް ކަމަށް އެބޭފުޅުންވެސް ވިދާޅުވުމުންނެވެ. އަދި އެއީ ނުކުރެވޭނެ ކަމަކަށް ވާތީ ރައީސް ޔާމީންވެސް ވަނީ އެހިސާބުން ގޮތް ދޫކުރައްވާފައެވެ.
އަދި މި މަރުހަލާއާ ހަމައަށް އައިއިރު ރައީސް މުއިއްޒު ވަނީ ސަރުކާރުން ފާސްކޮށްފައިވާ ކުރެހުމަށް ތަބާވެ، ކުރިން އޮތް ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ބްރިޖްގެ މަސައްކަތް ނިންމާފައެވެ.
ނިންމުން
އެހެންކަމުން އެ މަޝްރޫއުގައި ރައީސް މުއިއްޒުގެ ދައުރަކީ އެމަނިކުފާނާ ހަވާލުކުރި އަސްލު ޑިޒައިންގައި ބަޔާންކޮށްފައިވާ ގޮތަށް ބްރިޖުގެ މަސައްކަތް ނިމިފައިވާކަން ކަށަވަރުކުރުންކަން ސާފުވެއެވެ. އެއްވެސް ބަދަލެއް، ހުށަހެޅުމެއް، ނުވަތަ ރައީސް މުޢިއްޒުގެ ބައިވެރިވުމުގެ ކުރިން ހިނގާފައިވާ ކަމެއް، އެމަނިކުފާނުގެ ބާރުގެ ބޭރުން ނިންމާ ނިންމުންތަކުގެ އެއްވެސް ކުށެއް އެމަނިކުފާނުގެ މައްޗަށް އުފުލުމަކީ އިންސާފުވެރި ކަމެއް ނޫނެވެ.
ބްރިޖާއި ގުޅުވައި ދައްކާ ވާހަކަތައް އެންމެ ރަނގަޅަށް އެނގިލައްވާނީ ރައީސް ޔާމީނަށާއި އޭރުގެ އިކޮނޮމިކް ކައުންސިލަށެވެ.
ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސަރުކާރުން ފޯރުކޮށްދިން ބްލޫޕްރިންޓަށް ތަބާވެ، ޕްރޮފެޝަނަލް ކަމާއެކު ބްރިޖު ނިންމަން އޮތް މުއްދަތުގެ ދެމަސް ކުރިން މަސައްކަތް ކާމިޔާބުކަމާއެކު ނިންމާފައިވާކަމެވެ.






