ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި މިރޭ ބްރިޖްގެ އުތުރު ލޭން ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެން ބްރިޖްގެ އެއް ލޭނު ބަންދުވާނެކަމަށެވެ. އެއީ ބްރިޖުން ހުޅުލެއާއި ހުޅުމާލެއަށް ދާ ލޭނެވެ.
ފުލުހުން ބުނީ އެ މަސައްކަތް ނިމެންދެއް ބްރިޖްގެ އުތުރުފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، އާންމުކޮށް ހުޅުމާލެއިން މާލެއަށް އަންނަ ލޭން، މިރޭ އޮންނާނީ ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފައެވެ.
ސިނަމާލެ ބުރިޖުގެ މަރާމާތުގެ މަސައްކަތްތައް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކޮށްފައިވެއެވެ. އެ މަސައްކަތްތައް ކުރަނީ, ބުރިޖު އެޅި ޗައިނާގެ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)އިންނެވެ.
ބްރިޖަކީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރާ ތަނެކެވެ. ބްރިޖުގެ ލޭނު ބަންދުކުރާ ވަގުތުތަކުގައި ޓްރެފިކް ޕޮލިހުން ދޭ އިރުޝާދުތަަކަށް ވެހިކަލް ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.





