މާލެ-ހުޅުމާލެ ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ އެތަނުން އެކަގެއްގެ ކޮނޑުހުޅު ނެއްޓިއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭގައި މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގެ ހަތަރު ލޭނު ހިމެނޭ ހިސާބުގައި ކަމަށާއި މި އެކްސިޑެންޓު ހިނގި ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 09:00 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ކޮނޑުހުޅު ނެއްޓިފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެން އަނިޔާވެފައިވަނީ އެ ފިރިހެން މީހާގެ ސައިކަލު ފަހަތުގައި އިން 22 އަހަރުގެ އަންހެން މީހާ އަށެވެ. އޭނާގެ ގައިގެ އެކި ތަންތަން ހަން މަށައިގެންގޮސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި އަހަރަކީ މާލެ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓު ގިނަ އަހަރެކެވެ. ދާދި ފަހުން ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފަ އެވެ.






