މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވެ، އެތައް އާއިލާއަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ހިތާމަތަކާ ކުރިމަތިލާންޖެހެމުންދާ މި ދަނޑިވަޅުގައި، މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް، މާލެ އާއި ހުޅުމާލޭގައި ގިނަ އަދަދަކަށް އެކްސިޑެންޓްވަމުންދާތީ، އަމިއްލަ ނަފްސާއި އަނެކުންގެ ސަލާމަތަށް ފަރުވާތެރިވުން މިއަދު މިވަނީ މަޖުބޫރުވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެކްސިޑެންޓްތަކުގެ ނުރައްކާ އޮތީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޮންމެ މަހަކުވެސް 200 އަށްވުރެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވާއިރު، ފެށުނު ސެޕްޓެމްބަރު މަހުގެ ފުރަތަމަ 6 ދުވަހު އެކަނިވެސް 21 އެކްސިޑެންޓެއް ވަނީ ރިޕޯޓްކޮށްފައެވެ.
މިފަދަ ހާދިސާތަކުގައި ސައިކަލުތައް ގިނައިން ހިމެނޭއިރު، މަގު ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާ އެންމެ މުހިންމު ސުވާލަކީ، ސައިކަލު ދުއްވާފަރާތްތަކުން ހެލްމެޓަކީ ހަމައެކަނި ބްރިޖް ހުރަސްކުރާއިރު އަޅަންޖެހޭ އެއްޗެއްގެ ގޮތުގައި ދެކެނީ ކީއްވެގެންތޯއެވެ؟
ހެލްމެޓަކީ ހަމައެކަނި 'ބްރިޖް ގަވާއިދެއް' ތޯ؟
ރާއްޖޭގައި މަގުމަތީގެ ސަލާމަތީ އާދަތަކަށް ބަލާއިރު އެންމެ އާންމުކޮށް ފެންނަ އެއް ކަމަކީ، ސައިކަލު ދުއްވާފަރާތްތަކުން ސިނަމާލެ ބްރިޖް ނުވަތަ ހުޅުމާލެ ހައިވޭއަށް އަރަން ގާތްވުމުން ހެލްމެޓް އެޅުމަށްފަހު، އެހެން މަގުތަކުގައި ހެލްމެޓް ނާޅައި ދުއްވުމުގެ އާދައެވެ.
ނަމަވެސް، ގަވާއިދު އޮތީ ހަމައެކަނި "ބްރިޖުގައި" ހެލްމެޓް އަޅަންޖެހޭ ގޮތަކަށް ނޫނެވެ.
ގަވާއިދު ނަންބަރު 2021/R-131 (އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދު) ގެ ދަށުން، ގަޑިއަކު 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަދީފައިވާ ސަރަހައްދުތަކުގައި ސައިކަލު ދުއްވާފަރާތްތަކާއި ދަތުރުވެރިން ހެލްމެޓް އަޅަންޖެހެއެވެ. މިފަދަ ސަރަހައްދުތައް އެނގެނީ ސްޕީޑް ލިމިޓް ނިޝާންތަކުންނެވެ. މި ގަވާއިދު ތައާރަފްކުރެވުނީ ސިނަމާލެ ބްރިޖާއި ހުޅުމާލެ ހައިވޭ ފަދަ ބާރަށް ދުއްވާ މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅިގެންނެވެ.
މި ސަބަބާހުރެ، ހެލްމެޓަކީ ހަމައެކަނި ބްރިޖް ހުރަސްކުރަން ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ގިނަ މީހުންނަށް ހީވެފައި އޮވެއެވެ.
ނަމަވެސް ސަލާމަތީ ނަޒަރަކުން ބަލާއިރު، އެކްސިޑެންޓެއް ހިނގުމަކަށް ވަކި މަގެއް މުހިންމެއް ނޫނެވެ. މީހުން ދިރިއުޅޭ އާންމު މަގަކުން ދުއްވާފައިދާ ސައިކަލެއްވެސް އެހެން އުޅަނދެއްގައި، މަގުހިނގާ މީހެއްގައި ނުވަތަ އެއްޗެއްގައި ޖެހި، ދުއްވަން އިން މީހާ މަގުމައްޗަށް ވިއްސައިގެން ގޮސްދާނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކުރާ ގޮތުގައި، ރަނގަޅަށް ހެލްމެޓް ބޭނުންކުރުމުން އެކްސިޑެންޓެއްގައި މަރުވުމުގެ ނުރައްކާ 6 ގުނައަށް ކުޑަކޮށްދެއެވެ. އަދި ސިކުނޑިއަށް ލިބޭ އަނިޔާތައް 74 އިންސައްތައަށް ކުޑަކޮށްދެއެވެ.
އެހެންކަމުން، ހެލްމެޓަކީ ހަމައެކަނި ވަކި މަގެއް ހުރަސްކުރަން ބޭނުންކުރާ އެއްޗެއް ނޫނެވެ. އެއީ އިންސާނާގެ ހަށިގަނޑުގެ އެންމެ ނާޒުކު ގުނަވަން ރައްކާތެރިކޮށްދޭ ވަސީލަތެކެވެ.
ސީޓްބެލްޓް އެޅުން: ގަވާއިދުން މަޖުބޫރު — ނަމަވެސް އާންމުންގެ އާދައަކަށް ނުވޭ
ކާރުތަކުގެ އެތެރެއިންވެސް ފެންނަނީ ހަމަ މިފަދަ އާދައެކެވެ.
ގަވާއިދު ނަންބަރު 2021/R-131 (އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދު) ގެ ދަށުން ސީޓްބެލްޓްެ އަޅަން މަޖުބޫރުކޮށްފައިވީ ނަމަވެސް، ގިނަ ދުއްވާފަރާތްތަކާއި ދަތުރުވެރިން ސީޓްބެލްޓް ބޭނުންކުރަނީ އިހްތިޔާރީ ކަމެއްގެ ގޮތުގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ސީޓްބެލްޓް ބޭނުންކުރުމުން އުޅަނދުތަކުގައި ތިބޭ މީހުން މަރުވުމުގެ ނުރައްކާ 50 އިންސައްތައަށް ކުޑަކޮށްދެއެވެ. އެކްސިޑެންޓެއް ހިނގާ ވަގުތު ސީޓްބެލްޓުގެ ސަބަބުން މީހާ ކުރިއަށް ވިއްސައިގެން ގޮސް، އުޅަނދުގެ އެތެރޭގައި ޖެހުން ނުވަތަ އުޅަނދުން ބޭރަށް ވިއްސައިގެން ދިއުން ހުއްޓުވައިދެއެވެ.
"މިއުޅެނީ ކައިރި ތަނަކަށް ދާން" ކަމަށް ބުނެ ދައްކާ އުޒުރަކީ އެކަށީގެންވާ ރައްކާތެރިކަމެއް ނޫނެވެ. އެކްސިޑެންޓެއް ހިނގުމަށް ނަގަނީ ސިކުންތުކޮޅެކެވެ. އަދި އެއީ ދަތުރުގެ ދުރުމިނަށް ބަލައިގެން ހިނގާ ކަމެއް ނޫނެވެ.
ރައްކާތެރިކަމަކީ ފުލުހުން ތިބުމުން އެކަނި އިސްކަންދޭންޖެހޭ ކަމެއް ނޫން
ފުލުހުން ވަނީ ދުވެލި މަޑުކުރުމަށާއި، ރައްކާތެރި ދުރުމިނެއް ބެހެއްޓުމަށާއި، ނުރައްކާތެރިކޮށް އޯވަޓޭކް ނުކުރުމަށާއި، ޓްރެފިކް ނިޝާންތަކަށް ބޯލެނބުމަށާއި، ދުއްވަމުން ފޯނު ބޭނުންނުކުރުމަށާއި، އުޅަނދުތައް ގަވާއިދުން ބެލެހެއްޓުމަށް ދުއްވާފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ސައިކަލު ދުއްވާފަރާތްތަކުން ހެލްމެޓް އަޅަން އަދި ކާރުގައި ތިބޭ މީހުން ސީޓްބެލްޓްެެެެ އަޅަން ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި މަސްތުވާތަކެތި ނުވަތަ ވިސްނުން ކުޑަވާ ފަދަ ބޭހެއް ބޭނުންކޮށްގެން އުޅަނދު ނުދުއްވުމަށް ވަނީ ހަނދާންކޮށްދީފައެވެ.
މަގުހިނގާފަރާތްތަކަށްވެސް ކަފިހިހުރަސް ބޭނުންކުރުމަށާއި، މަގުހުރަސްކުރާއިރު ދެފަރާތް ބެލުމަށާއި، ހިނގާއިރު ފޯނު ބޭނުންނުކުރުމަށާއި، ކުޑަކުދިން ގޮވައިގެން ހިނގާއިރު މަގުގެ އެތެރެއިން ހިނގުމަށް އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން، މިއަހަރުގެ ޖުލައި މަހު ސަރުކާރާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން ވަނީ ރާއްޖޭގައި "ނޭޝަނަލް ސްޓްރެޓެޖީ ފޯ ޕްރިވެންޝަން އޮފް އަންއިންޓެންޝަނަލް އިންޖަރީ" އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި މަގުމަތީގެ ރައްކާތެރިކަމަކީ އިސްކަންދޭ މުހިންމު ދާއިރާއެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.
ހުލާސާކޮށް ދަންނަވާނަމަ، މަގުމަތީގެ ރައްކާތެރިކަމަކީ ހަމައެކަނި ފުލުހުން ގާނޫނު ތަންފީޒުކޮށްގެން ހާސިލުކުރެވޭނެ ކަމެއް ނޫނެވެ. ސައިކަލު ދުއްވާ މީހާއަށް ހެލްމެޓް އަޅަން ހަނދާންވާންޖެހެނީ ފުލުހަކު ފެނުނީމައެއް ނޫނެވެ. އަދި ކާރު ދުއްވާ މީހާއަށް ސީޓްބެލްޓް އަޅަން ހަނދާންވާންޖެހެނީ ޗެކްޕޮއިންޓަކާ ކައިރިވުމުންނެއް ނޫނެވެ.
ހެލްމެޓެއް އަޅަން ނަގަނީ ސިކުންތުކޮޅެކެވެ. ސީޓްބެލްޓެއް އަޅަން ނަގަނީވެސް ސިކުންތުކޮޅެކެވެ. ނަމަވެސް އެ ކުޑަކުޑަ ސިކުންތުކޮޅަކީ، ތިމާ އެނބުރި ލޯބިވާ އާއިލާގެ ގާތަށް ސަލާމަތުން ދިއުމާ މުޅި އުމުރަށް ވަކިވެދިއުމާ ދެމެދު އޮތް ފަރަގު ކަމުގައި ވެދާނެއެވެ.









