މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 01:12 އެހައިކަންހާއިރުއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަނިޔާވި މީހުންގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް އިތުރު ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ހާދިސާގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނީ ލައިސަންސް އޮންނަ މީހެއް ނޫނެވެ. މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.








