މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް މިއަދު ހެނދުނު ސިނަމާލެ ބްރިޖު މަތިން ފުރޮޅާލައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައި ގޮތުގައި މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:45 ހާއިރުގައެވެ. މި ހާދިސާ ހިނގީ ފުރޮޅެއް ފަޅައިގެން ގޮސް، އުޅަނދު ކޮންޓްރޯލް ނުވެ އަރި އަޅާލައިގެން ގޮސް ބްރިޖުގެ ފެންސުގައި ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.


ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޕިކަޕު ފުރޮޅާލުމުގެ ސަބަބުން އޭގައި ހުރި ކުނިތައް ވަނީ ބްރިޖު މައްޗަށް އެޅިފައެވެ. މި ހާދިސާގައި ޕިކަޕަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، މިކަމާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ބްރިޖު މައްޗަށް ކުނި އެޅުމުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ބާރު ބޮޑުވެފައި އެވެ. ކަމާބެހޭ ފަރާތްތަކުން އަންނަނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.








