މާލެ އާއި އައްޑޫ ސިޓީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކެއްގައި ގިނަ ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލްތަކުގައި ފަރުވާދޭން ފަށައިފިއެވެ.
މާލޭގައި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި، އެއާޕޯޓް ލައިޓް ކައިރިން އެމްޓީސީސީ ބަހަކާއި ދެ ސައިކަލު ޖެހިގެންނެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 22:50 އެހައިކަންހާއިރުއެވެ. މި އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ދިވެހި އަންހެނަކަށާއި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ނަމަވެސް އެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި މިރޭ ދެ އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ ސިޓީ ސެންޓްރަލް ކުރިމަތިން، ދެ ސައިކަލު ޖެހިގެންނެވެ. ފުލުހުންނަށް މި ހާދިސާ ރިޕޯޓްކޮށްފައިވަނީ 21:50 އެހައިކަންހާއިރުއެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި މި ހާދިސާގައި، އެއް ސައިކަލުގައި އިން ފިރިހެނަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އޭނާގެ ކަނާތު ފައިގެ ފައިތިލަ ވަރަށް ބޮޑަށް ޗިސްވެ، ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓްގެ ހަބަރު ލިބިގެން، ހޮސްޕިޓަލަށް ދިޔަ އަންހެނަކު ދުއްވި ވޭނެއް ކޮންޓްރޯލް ނުވެ، ގައުކެނޑި ސަރަހައްދު ލިންކް ރޯޑަށް ފުރޮޅާލައި ވަނީ އިތުރު އެކްސިޑެންޓެއް ހިނގާފައެވެ. މި ހާދިސާގައި ވޭން ދުއްވަން އިން އަންހެން މީހާގެ ބުރަކައްޓަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، އޭނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ވޭން ފުރޮޅާލި ވަގުތު އޭގައި އިނީ އެ އަންހެން މީހާ އެކަނި ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ގެންދަނީ މި ހުރިހާ މައްސަލަތަކެއް އިތުރަށް ތަހުގީގު ކުރަމުންނެވެ.









