ދެކުނު ކޮރެއާގެ އިންޗިއޮންގައި މި މަހުގެ 7 އިން 10 އަށް ކުރިއަށްދާ "ފަސްޓް ގްލޯބަލް ޗެލެންޖް 2026" ބައިނަލްއަގުވާމީ ރޮބޮޓިކްސް މުބާރާތުގައި ވާދަކުރުމަށް ދިވެހި ދަރިވަރުންގެ ޓީމު ފުރައިފިއެވެ.
ދުނިޔޭގެ 192 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީމުގައި ޖުމުލަ 10 ދަރިވަރުން ހިމެނެއެވެ. މީގެ ތެރެއިން 5 ދަރިވަރަކު މުބާރާތުގައި ބައިވެރިވުމަށް ކޮރެއާއަށް ދަތުރުކޮށްފައިވާއިރު، ބާކީ ތިބި ދަރިވަރުން ހޯމް ޓީމުގެ ގޮތުގައި ރާއްޖޭގައި ތިބެގެން އޮންލައިންކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގެ ތީމް ކަމަށްވާ "އިގްނައިޓިންގ އިނޮވޭޝަން" އާ ގުޅުވައިގެން، ދިވެހި ދަރިވަރުން ވަނީ ޖަންގަލިތަކުގައި ރޯވާ އަލިފާނުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެދޭނެ އީޖާދީ ރޮބޮޓެއް ތައްޔާރުކޮށްފައެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ފަހިކޮށްދެނީ "ވިމެން އިން ޓެކް މޯލްޑިވްސް" ގެ އިސްނެގުމުގެ ދަށުންނެވެ. އެ ޖަމްއިއްޔާއިން 2023 ވަނަ އަހަރުން ފެށިގެން ދިވެހި ޓީމު މި މުބާރާތުގައި ބައިވެރިކުރަމުން އަންނައިރު، ފާއިތުވި އަހަރު ޕެނަމާގައި ބޭއްވުނު މުބާރާތުގައި ޓީމް މޯލްޑިވްސް ވަނީ ދުނިޔޭގެ ގަދަ 50 ޓީމުގެ ތެރޭގައި ހިމެނިފައެވެ. މީގެއިތުރުން، މިފަހަރުގެ މުބާރާތަށް ދަރިވަރުން ފުރިހަމައަށް ތައްޔާރުކުރުމުގެ ގޮތުން، ސްޓެމް (STEM) ސެޓިފައިޑް މަރުކަޒެއް ކަމަށްވާ "ފޯލޫޕް ކޯޑިންގ އެކެޑަމީ" އިން ވަނީ ދަރިވަރުންނަށް ހާއްސަ ޓެކްނިކަލް ތަމްރީނުތަކެއް ފޯރުކޮށްދީފައެވެ.




