ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ކިމް ސޫ-ހިޔުންގެ އަބުރު ކިލަނބުކޮށް، އޭނާގެ ފަންނީ ކެރިއަރު ހަލާކުކޮށްލުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދޮގު ހެކި އުފެއްދި ޔޫޓިއުބަރަކު ހައްޔަރުކުރުމުގެ އަމުރަކަށް އެ ގައުމުގެ ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނާ ގޮތުގައި، ގާތްގަނޑަކަށް މިލިއަނެއްހާ ފޮލޯވަރުން ތިބޭ "ކިމް ސޭ-އުއީ" ނަމަކަށް ކިޔާ މި ޔޫޓިއުބަރު ވަނީ ކިމް ސޫ-ހިޔުން އާއި ބަތަލާ ކިމް ސޭ-ރޮން އާ ދެމެދު ދެކެވިފައިވާ ކަމަށް ބުނާ މެސެޖުތަކެއްގެ ސްކްރީންޝޮޓްތަކެއް އޮޅުވާލައިގެން އުފައްދާފަ އެވެ. އަދި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޯޑިއޯ ފައިލެއް މެދުވެރިކޮށް، ކިމް ސޭ-ރޮން ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު ކިމް ސޫ-ހިޔުން އާއެކު ލޯބީގެ ގުޅުމެއް ބޭއްވި ކަމުގެ ދޮގު ތުހުމަތުތަކެއް ވަނީ ފަތުރާފަ އެވެ.

މި މައްސަލަ ފެންމަތިވީ މިދިޔަ އަހަރު ބަތަލާ ކިމް ސޭ-ރޮން، އުމުރުން 24 އަހަރުގައި އަމިއްލައަށް މަރުވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. އޭނާ މަރުވުމުގެ ކުރިން 2022 ވަނަ އަހަރު މަސްތުގެ ހާލަތުގައި އިނދެ ކާރު ދުއްވުމުގެ ހާދިސާއަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެފައިވެ އެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ޔޫޓިއުބަރު އާންމުކުރި އޯޑިއޯގައި ކިމް ސޭ-ރޮން އޭނާ މިޑްލް ސްކޫލުގައި އުޅުނު އިރުން ފެށިގެން ކިމް ސޫ-ހިޔުން އާއެކު އުޅުނު ކަމަށް ބުނާ އަޑަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޭކު އަޑެކެވެ. މި ދޮގު މައުލޫމާތުތައް ފެތުރުމުގެ ސަބަބުން ކިމް ސޫ-ހިޔުންގެ އިޖުތިމާއީ އަދި އިގުތިސާދީ ދިރިއުޅުން އެކީގައި ފުނޑުފުނޑުވެފައިވާ ކަމަށާއި، އޭނާ އަދިވެސް ދަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން ކަމަށް ފުލުހުން ބުނެއެވެ.

މި ތުހުމަތުތަކާ ގުޅިގެން ކިމް ސޫ-ހިޔުން ވަނީ 2025 ވަނަ އަހަރުގެ މާޗް މަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އޭނާ އިއުތިރާފުވި ގޮތުގައި އެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތީ އެކުއްޖާ ބޮޑުވި ފަހުން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް، ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު އެއްވެސް ގުޅުމެއް ބޭއްވި ކަމަށް ކުރާ ތުހުމަތުތައް އޭނާ ވަނީ ކަރުނައާއެކު ދޮގުކޮށްފަ އެވެ.

މި ސްކޭންޑަލްގެ ސަބަބުން ކިމް ސޫ-ހިޔުންގެ ކެރިއަރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން އޭނާ ކުޅެމުންދިޔަ ޑިޒްނީ ޕްލަސްގެ ސީރީޒް "ނޮކް-އޮފް" ރިލީޒްކުރުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އަދި އޭނާ އާންމުކޮށް ފެނުމުން ވަނީ މެދުކެނޑިފަ އެވެ.

ޔޫޓިއުބަރު ކިމް ސޭ-އުއީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރަމުން ބުނެފައިވަނީ، މިއީ އޭނާ ކުރަމުންދާ ތަހުގީގުތަކަށް ހުރަސް އެޅުމަށްޓަކައި ދައުލަތުން ރާވައިގެން ހިންގާ ކަމެއް ކަމަށެވެ. ނަމަވެސް ފުލުހުން ތުހުމަތު ކުރަނީ އޭނާ މިކަން ކުރީ މާލީ ފައިދާ ހޯދުމުގެ ނިޔަތުގައި ގަސްތުގައި ކަމަށެވެ.