ދެކުނު ކޮރެއާގެ ކުރީގެ ފަސްޓްލޭޑީ ކިމް ކިއޮން ހީ ރިޝވަތުގެ ކުށުގައި ހަތް އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ހުކުމް ކޮށްފިއެވެ. އޭނާގެ މައްޗަށް މި ހުކުމް ކުރި ސަރުކާރުގެ އެކި މަގާމުތަކަށް މީހުން އައްޔަންކުރުމަށާއި ވިޔަފާރީގެ އެކި ފައިދާތައް ހޯދައިދިނުމަށް ނުފޫޒު ބޭނުންކޮށް އަގުބޮޑު ހަދިޔާތަކެއް ގަބޫލުކުރި މައްސަލައިގައެވެ.
އޭނާ ގަބޫލުކުރި ތަކެތީގެ ތެރޭގައި އަގުބޮޑު ޖަވާހިރާއި، ރަނާއި، އަގުބޮޑު އަތްދަބަސްތަކުގެ އިތުރުން މަޝްހޫރު ކުރެހުންތެރިންގެ އަގުބޮޑު ކުރެހުންތައް ހިމެނޭއިރު، މި ތަކެތީގެ ޖުމްލަ އަގު ގާތްގަނޑަކަށް 300 މިލިއަން ވޮން (195,000 އެމެރިކާ ޑޮލަރު) އަށް އަރައެވެ.
ކޯޓުން ވަނީ އޭނާ ޖަލަށްލުމުގެ އިތުރުން 64.8 މިލިއަން ވޮން އިން ޖޫރިމަނާކޮށް، ރިޝވަތުގެ ގޮތުގައި ހޯދި ހުރިހާ ތަކެތި ދައުލަތަށް ހިފެހެއްޓުމަށްވެސް އަމުރުކޮށްފައެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވީ، ފަސްޓްލޭޑީގެ މަގާމުގައި ހުރެ އަމިއްލަ މަންފާއަށްޓަކައި ނުފޫޒު ބޭނުން ކުރުމަކީ ސަރުކާރުގެ އިންސާފުވެރިކަމާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު މުޅިން ގެއްލިގެންދިޔަ ކަމެއް ކަމަށެވެ. އަދި އާންމު ރައްޔިތަކަށް މުޅި އުމުރުންވެސް ހޯދަން ދަތި އަގުބޮޑު ތަކެތި އޭނާ ވަނީ އެއްވެސް ޖެހިލުމެއްނެތި ގަބޫލުކޮށްފައެވެ.
ކިމް ކިއޮން ހީ މިހާރުވެސް ހުރީ ހިއްސާގެ ބާޒާރު އޮޅުވާލުމާއި އެހެން ރިޝވަތުގެ މައްސަލައެއްގައި ކުރިން އިއްވާފައިވާ 4 އަހަރުގެ ޖަލު ހުކުމެއްގައެވެ. މީގެއިތުރުން އޭނާގެ ފިރިކަލުން، އަދި މަގާމުން ވަކިކޮށްފައިވާ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލްވެސް ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގާނޫނާ ހިލާފަށް ވެރިކަން ހިފަހައްޓަން އުޅުނު މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައެވެ.
މިއީ ދެކުނު ކޮރެއާގެ ތާރީޚުގައި ރައީސަކާއި ފަސްޓްލޭޑީއަކު އެއްފަހަރާ ޖަލަށްލެވުނު ފުރަތަމަ ފަހަރު ކަމަށްވާއިރު، ކިމްގެ ވަކީލުން ވަނީ މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.









