ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް، ބީޓީއެސް އަލުން އެކުގައި ސްޓޭޖަށް ނުކުމެ، ސޯލްގެ ތާރީހީ ސަރަހައްދެއް ކަމަށްވާ ގްވަންގްވަމުން ސްކޮޔާގައި ބޮޑު ކޮންސާޓެއް ބާއްވައިފި އެވެ. މިއީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށްފަހު ބޭންޑުގެ ހަތް މެންބަރުން ކަމަށްވާ އާރްއެމް، ޖިން، ސުގާ، ޖޭ-ހޯޕް، ޖިމިން، ވީ އަދި ޖަންގްކޫކް އެކުގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.
މި ކޮންސަރޓް އިންތިޒާމުކުރި ހައިބް ކުންފުނިން މައުލޫމާތުދޭ ގޮތުގައި، ހޮނިހިރު ދުވަހު ބޭއްވި މި ހަރަކާތުގައި ގާތްގަނޑަކަށް 104,000 މީހުން ބައިވެރިވެފައިވެ އެވެ. މީގެ ތެރެއިން ހިލޭ ޓިކެޓް ލިބުނު 22,000 މީހުންނަށް ސްޓޭޖް ހުރި ސަރަހައްދަށް ވަނުމުގެ ފުރުސަތު ލިބުނުއިރު، ބާކީ ތިބި މީހުން ކޮންސާޓް ބަލާފައިވަނީ ބޭރުގައި ހަރުކޮށްފައި ހުރި ބޮޑެތި ސްކްރީންތަކުންނެވެ.

ބީޓީއެސް ޝޯވް ބޭއްވި ސަރަހައްދު---
އެއް ގަޑިއިރަށް ދެމިގެންދިޔަ މި ކޮންސަރޓްގައި ބޭންޑުން ވަނީ އެމީހުންގެ އާ އަލްބަމް "އަރީރަންގް" ގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފަ އެވެ. މި އަލްބަމް ރިލީޒްކުރި ފުރަތަމަ ދުވަހުވެސް 3.98 މިލިއަން ކޮޕީ ވިކިފައިވާ ކަމަށް ބިގް ހިޓް މިއުޒިކުން ބުނެއެވެ. "އަރީރަންގް" އަކީ ކޮރެއާގެ ސަގާފީ ލަވައަކަށް ކިޔާ ނަމެކެވެ.
ބޭންޑުގެ މެންބަރުން އަލުން އެކުވީ ކޮރެއާގެ ގާނޫނު ބުނާ ގޮތުން އަދާކުރަންޖެހޭ އަސްކަރީ ހިދުމަތް ފުރިހަމަކުރުމަށްފަހުގަ އެވެ. މި އެނބުރި އައުމާ ގުޅިގެން ސޯލްގެ މަގުތައް ވަނީ ދަނބުކުލައިން ވަނީ ދިއްލާލާފަ އެވެ. މި ހަރަކާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 7,000 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވި އެވެ.
ބީޓީއެސްގެ މި އެނބުރި އައުމާއެކު ދެކުނު ކޮރެއާގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން ކޮރެއާ ކަލްޗާ އެންޑް ޓޫރިޒަމް އިންސްޓިޓިއުޓުން އަންދާޒާކޮށްފައިވާ ގޮތުގައި، މި ބޭންޑުގެ އެންމެ ޝޯއަކުންވެސް ގާތްގަނޑަކަށް 842 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެގައުމަށް ލިބެ އެވެ.
އަންނަ މަހު ބީޓީއެސްގެ ވޯލްޑް ޓުއާ ފެށުމަށް ހަމަޖެހިފައިވާއިރު، މި ޓުއާގައި ދުނިޔޭގެ 30 އަށްވުރެ ގިނަ ސިޓީއެއްގައި ޖުމްލަ 82 ޝޯ ދިނުމަށް ވަނީ ރޭވިފަ އެވެ. މި ޓުއާއިން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. މި ފަހަރުގެ ކޮންސާޓް ނެޓްފްލިކްސް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަގުތުން ދައްކާފައިވެ އެވެ.










